ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލު ނުކުރެވޭނެ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

މިދިޔަ މޭ މަހުގައި ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ޖަވާބުދާރީވުމަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރުކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައި ވަނީ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ސަލާމާތީ ޚިދުމަތްތަކާ ހަވާލުވެ ހުންނަވާ ވަޒީރުކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަކިވަކި ސިފައިން ކޮމެޓީތަކަށް ހާޒިރު ނުކުރެވޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މިކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ވިދާޅުވީ ގާނޫނުއަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވިދާނެ ކަމަކަށް ނުފެންނަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ވާނީ ކަމާބެހޭ ވަޒީރުކަމަށާއި، ވަޒީރުގެ މަގާމު ހުސްވެފައިވާ ހާލަތެއްގައި ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގަ އާއި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއރު، ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށެވެ.

އޭގެ އިތުރުން، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައި ވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ގާއިމުކުރެވިފައި އޮތް އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން ގައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ސިފައިން އެ މީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ދިފާއީ ބާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރީގެ އުއްތަމަ ފަނޑީޔާރާއި މަޝްހޫރު ގާނޫނީ ވަކީލުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ވެސް ބުނަމުން އަންނަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ.

ކޮންމެ ކަމެއްގައިވެސް ގަދަބާރު ދައްކަވާ އެމްޑީޕީ މަޖިލިސް މެމްބަރުން ގާނޫނުތަކާއި ހިލާފަށް ކުރީގެ ރައީސް ނަޝީދަށް އިންސާފު ހޯދުމުގެ ނަމުގައި ސަލާމަތީ ބާރުތަކަށް އަންނަނީ އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެ. ސިފަައިންގެ ވާޖިބަށް ހުރަސް އެޅުމަށް އެމްޑީޕީ މަޖިލިސް މެމްބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.