ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތް ކުރުމަށް ނަރުހުންނާއި ސިއްހީ އެހީތެރިން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ހެލްތް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ނަރުހުންނާއި ސިއްހީ އެހީތެރިން ބޭނުންވާ ކަމަށެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ކޮވިޑް ޖެހިގެން ގޭގައި ތިިނޭ ބަލި މީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީކުރެވިފައިވާ ފަރާތްތަަކަށް އޮންލައިންކޮށް ކޮންސަލްޓޭޝަން ދީ އެހެނިހެން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ނާސިން ކެއަރގެ ހިދުމަތް ދިނުމަށް ނަރުހުންނާއި ސިއްހީ އެހީތެރިން ބޭނުންވާ ކަމަށެވެ.

އެގޮތުން ނަރުހުންގެ މަގާމަށް 10 ފަރާތެއް ހޮވުމަށް ނިންމާފައިވާއިރު އެ މަގާމަށް އައްޔަންކުރާ ފަރާތްތަކަށް އިރަކަށް 61.26 ރުފިޔާގެ ރޭޓުން މުސާރަ ކަނޑައަޅާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

ނަރުހުންގެ މަގާމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނާސިން ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

ސިއްހީ އެހީތެރިންގެ މަގާމަށް އައްޔަންކުރާ ފަރާތްތަކަށް ގަޑިއިރަކަށް 88.50 ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ. އަދި މި މަގާމުގެ ޝަރުތަކަށް ކަނޑައަޅާފައިވަނީ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން އެއް އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން ކަމަށް އެމިނިސްޓްރީއިން ބުނެ އެވެ.

މި މަގާމުތަކަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 17 ޖޫން 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ހުށަހެޅުމަށް ހެލްތުން ކުރި އިއުލާނުގައި ވަނީ އެދިފަ އެވެ.