ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންކަން ސިއްރުކުރައްވަން އުޅުއްވާ ކަމުގެ ހުތުމަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ މުހައްމަދު ނަޝީދު މިފަދަ ހުތުމަތެއް ރައީސް ސާލިހަށް ކުރެއްވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މަހު ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއަށް ސަލާމަތީ ބާރުތައް ހާޒިރުކުރުމަށް އުޅުމުން ވަކިވަކި ސިފައިން ހާޒިރުވާ ނުޖެހޭނެ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެން، އެ ސިޓީގައި ސޮއިކުރެއްވި ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވި މައްސަލާގައި އިމްތިޔާޒަށް އަރައިގެންފައި ނުވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ނިންމުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.

ރައީސް ނަޝީދު މިވަގުތު ފޯނު ނުގެންގުޅުއް ވާތީ، ރައީސް ސޯލިހު ވެސް އިންނަވާ ގައުމީ މަޖިލީސް ވަޓްސްއެޕް ގްރޫޕަށް މެސެޖް ފޮނުއްވެވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެދުވެރިކުރައްވަ އެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ "ރައީސް ސޯލިހު ލޮބީކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 (ކޮމިޓީ) އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތްކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއް ގޮތަކަށް ވެސް ނުވިސްނުނު" ކަމަށެވެ. އަދި ސިއްރުކުރައްވާ ކުޅުވާ ކަމެއް ވިދާޅުވުމަށް ވެސް ރައީސް ނަޝީދު އެދިލެއްވި އެވެ.

މިމައްސަލަ ރޭ ވަނީ އެމްޑީޕީގެ މެމްބަރުން ތާއީދާއެކު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ވެސް ބޭރުކޮށްލާފަ އެވެ. ނަމަވެސް ޒަމީލްގެ މައްސަލަ ބަލައިދިނުމަށް ވަނީ ޕީޖީ އޮފީހަށް މަޖިލީހުން ފޮނުއްވާފަ އެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއިދު ކުރައްވާ މެމްބަރުންނާއި ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުން މެދުގައި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި އެ ކަމުގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ފާޅުކުރަމުންނެވެ.