ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެއްވެސް މުއައްސަސާއަކުން ހުރަސް އަޅާފައިނުވާ ކަމަށް 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑީޕީ މަޖިލިސް މެމްބަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދާ އިންކުއަރީއަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ފުރިހަމަ އެއްބާރުލުން ދޭ ކަމަށެވެ.

މަޖިލީހުގެ ޕާލިމެންޓްރީ އިންކުއަރީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޮބީ ކުރައްވައި ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ މެސެޖްތަކެއްގެ ފޮޓޯތަކެއް ވެސް ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އާއްމުވެފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރައީސް ސާލިހު ވެސް ބޭނުންފުޅު ވަނީ ވީހާ ވެސް އަވަހަކަށް މި މައްސަލަ މަޖިލީހުން ބެލުން ކަމަށާއި މި މައްސަލަ ބެލުމުގައި ވަކި ގޮތަކަށް އަމަލުކުރެއްވުމަށް ރައީސް ސާލިހު އަންގަވާފައިނުވާ ކަމަށެވެ.

"ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންކުއަރީއަށް ހުރަސްއަޅާ ކަމެއް އަދި ފާހަގަކުރެވިފައެއް ނުވޭ، ފުލުހުން ވެސް، އެމްއެންޑީއެފްގެ ވެރިން ވެސް، އަދި ވެސް އެހެން ބޭފުޅުން ވެސް ހަމަ ކޮމިޓީއަށް ހާޒިރުވެ ކުރާ ސުވާލުތަކަށް ޖަވާބުދީ އެއްބާރުލުން ދެމުން ދަނީ،" އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މި މަހުގެ ފަހު ހަފްތާއަށް ކޮމެޓީގެ މަސައްކަތް ނިންމައި ރިޕޯޓް ތައްޔާރުކޮށް މަޖިލީހަށް ރިޕޯޓް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންކުއަރީގެ މަސައްކަތަށް މިހާތަނަށް ކޮމެޓީގެ 35 ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި، އަދި ކޮމެޓީގައި ރަސްމީ ބައްދަލުވުންތަކުގެ ގޮތުގައި، 83 ގަޑިއިރު ކޮމެޓީއިން ހޭދަ ކޮށްފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. މީގެ އިތުރުން އެހާވަރަށް ނުރަސްމީކޮށް ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ވެސް ވަގުތު ހޭދަކުރެވިފައިވާނެ ކަމަށް އަސްލަމު ވަނީ ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ވަކިވަކި ސިފައިން ޖަވާބުދާރީވުމަށް 241 ކޮމެޓީއަށް ފޮނުވަން ދެކޮޅު ހެދުމުން، މަޖިލީހުގެ ރައީސް ވަނީ އެކަން ބަލައިދިނުމަށް އެދި ޕީޖީގައި އިއްޔެ އެދިވަޑައިގަންފަ އެވެ. ނަމަވެސް، ރޭ ބޭއްވި އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު ވަނީ ޒަމީލްއާއި ގުޅޭގޮތުން ރައީސް ނަޝީދު ފޮނުއްވި މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމައި މަޖިލީހުން ބޭރުކޮށްފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސަރުކާރުގެ ފަރާތުން ރައީސް ނަޝީދަށް ދެވުނު ހަމަލާ ތަހުގީގުކުރާ 241 ކޮމެޓީއަށް ނުފޫޒުފޯރުވާ ހުރަސް އަޅުއްވައި ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.