މާލޭގެ މަގުމަތީގައި ގިނަވެގެން އުޅޭ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަމާބެހޭ މާހިރުންގެ ލަފަޔާ އެކީ ހެދިފައިވާ ގާނޫނާއި ގަވައިދުތަކުގެ އިމުގެ ތެރެއިން، މާލެތެރޭގެ މަގުތަކުގަ އާއި އާންމު ތަންތަނުގައި އާންމުނަށް އުނދަގޫ ވާގޮތަށް އުޅޭ ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

މަގުމަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށްޓަކައި އެޗްޑީސީއާ މަޝްވަރާ ކުރުމަށް ފަހު އެކަމަށް ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން ކުރެވޭ މަސައްކަތުގައި ތަޖުރިބާކާރުން އެހީތެރިކަން ހޯދާނެ ކަމަށާ އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މިދިޔަ ކައުންސިލުން ވެސް މަސައްކަތްތަކެއް ކޮށްފައި ހުރުމާ އެކީގައި އެ މަސައްކަތްތަކުގެ ވެސް އަލީގައި، އެޗްޑީސީއާ ވެސް މަޝްވަރާކޮށްގެން އަޅުގަނޑުމެން ބަލާނަން އެކަމަށް ހާއްސަ ފެސިލިޓީއެއް ގާއިމްކޮށް އަދި ބުޅަލުގެ އިންޓްރެސްޓުގައި އުޅޭ ހުރިހާ ފަރާތްތަކުގެ ވެސް ލަފަޔާ އެއްކޮށް ހަމަ އެންމެ ޕްރޮފެޝަނަލްކޮށް އެކަމަށް ހައްލެއް ގެނެސްދިނުމަށް،" މޭޔަރު ވިދާޅުވި އެވެ.

މާލޭގެ ސަރަހައްދުގައި ބުޅަލުގެ ބޮޑު އާބާދީއެއް އޮންނަކަން ފާހަގަކުރެވެ. އެގޮތުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ގޯޅިތަކުގައި ވެސް ބުޅާ ވަރަށް ގިނައިން އުޅޭކަން ފާހަގަ ކުރެވެ އެވެ. އެ ބުޅާތަކުގެ އުނދަގޫ ރައްޔިތުންނަށް ފޯރާތީ ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.

ބުޅަލަށް ޖެހޭ އެކި ބަލިތަކަށް ފަރުވާދިނުމަށް ވިލިމާލޭގައި ކްލިނިކެއް ގާއިމުކުރި ނަމަވެސް، އެދެވޭ ގޮތެއްގައި އެތަން ހިނގިފައެއް ނުވެ އެވެ.