އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީގެ މަގާމުގައި ހުންނެވި ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 57 މެމްބަރުން ވޯޓު ދީފައިވެ އެވެ. އަދި ޝައުނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓު ނުދީ އެއް މެމްބަރަކު އިނެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް ޝައުނާ އައްޔަންކުރީ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.
އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ މަހު 25 ވަނަ ދުވަހު އޮތީ ފާސް ވެސް ކޮށްފަ އެވެ.
ޝައުނާ އެންވަޔަމަންޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިރު ކުރިން މިސަރުކާރު އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ (ޓެކް މިނިސްޓްރީ) އުވާލައި އެ މިނިސްޓްރީގެ މެންޑޭޓް ހަވާލުކޮށްފައިވަނީ މިހާރު ވަނީ އެންވަޔަރުމަންޓް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
އެ ބަދަލާއެކު އެންވަޔަރަންމަންޓް މިނިސްޓްރީގެ ނަން، މިނިިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ ވުޒާރާއަށް ގެނައި ބަދަލަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި އިރު އެ މަގާމުގައި ކުރިން ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރު ކަމަށް ވަނީ އައްޔަނު ކުރައްވައިފަ އެވެ. ޝައުނާއަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅި އިރު ހުސެއިން އަށް ވެސް ރުހުން ހޯދަން އޮތީ ފޮނުވައިފަ އެވެ.
ނަމަވެސް ހުސެއިންގެ ހިއްސާއެއް ކުންފުންޏެއްގައި އޮތުމުން އޭނާގެ ހުވަޔާމެދު މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަަފަޔަކަށް އެދިފައި އޮތުމުން ހުސެއިންއަށް ރުހުން ދިނުން ކޮމެޓީން ވަނީ މަޑުޖައްސައިލައިފަ އެވެ.