ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ދެން ލިބޭނީ ޖުލައި މަހު ތެރޭގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ޖުލައި މަހު ރާއްޖެއަށް ލިބޭނީ ސިންގަޕޫރުން ގެންނަ 700،000 ޑޯޒް ވެކްސިންގެ ތެރެއިން 500،000 ޑޯޒްގެ ވެކްސިން ކަމަށެވެ.

ސިންގަޕޫރުގެ އެ ކުންފުންޏާއެކު މިއަދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، ޖުލައި މަހުގެ ތެރޭގައި އެ ވެކްސިންގެ 500،000 ޑޯޒްގެ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމެރިކާއިން ރާއްޖެއަށް ގެންނައުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ އެމެރިކާއިން ލިބެނީ ކޮން ކަހަލަ ވެކްސިނެއް ކަމެއް އަދި ނޭނގޭ ކަމަށާއި އެކަމާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ރަޝިއާއާ ދެމެދު ވެކްސިން ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރާތާ ހަތަރު ހަފްތާއެއްގެ ތެރޭގައި ރާއްޖެއަށް އެ ވެކްސިންގެ 200،000 ޑޯޒު ގެނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިން އެޅި ފިޔަވަޅުތަކާއެކު ކޮވިޑް-19 ބަލި ޖެހޭ މިންވަރު މަދު ކުރެވިފައިވާ ކަމަށް ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.