އެހެން މީހުންގެ ވަފާތެރިކަމުގެ ވާހަކަ ނުދެއްކުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރި އަލިފުށީ ދާއިރާގެ މެމްބަރު ބިގޭ ސިޔާސީ ފާއިދާއަށް ކުރާ ކަންކަމާއި ދައްކާ ވާހަކަތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ބިގޭއަށް ބަހުގެ ހަމަލާތަކެއް ދެއްވީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ކުރިއަށްގެންދާ އިންކުއަރީއާ ގުޅިގެންނެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން މިހާރު ކުރިއަށް ގެންދާ އިންކުއަރީއަށް ވަކި ސިފައިން ނުފޮނުވާނެ ކަމަށް ވިދާޅުވުމުން ޒަމީލުގެ ސޫލޫކީ މައްސަލަ އިމްތިޔާޒު ކޮމެޓީއަށް ހުށަހެޅުއްވީ ހުދު ރައީސް ނަޝީދެވެ.
އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމަށް ކޮމެޓީގެ މެމްބަރުންނަށް އެންގެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް އަލިފުށީ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ޅިޔަނު، ރަޝީދު ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރައްވަ އެވެ. ނަމަވެސް އެ ތުހުމަތުތައް ރަޝީދު ދޮގުކުރައްވަ އެވެ.
އޭގެފަހުން ރައީސް ނަޝީދުގެ ސަޕޯޓަރުން ވެސް ގެންދަވީ ރަޝީދުއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މިކަމާ ގުޅިގެން ރަޝީދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމްގައި ދެއްކި ވާހަކާގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުއަށް ގެއްލުން ލިބޭ ކަމެއް ޑިފެންސް މިނިސްޓަރު މާރިޔާ ނުކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން އޭނާގެ އަބުރުކަތިލަން މަސައްކަތް ކުރައްވަމުންދާކަން ފާހަގަ ކުރައްވަމުން ރަޝީދު ވިދާޅުވީ ހުންނަވާނީ ސާބިތުކަމާއެކުގައި ކަމަށާއި އޭނާ ތުތިމަހަށް ކޮށާ ކާޅަށް ކާން ދިނަސް ހައްގު ބަސް ބުނުމުގައި ފަހަތައް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށާއި ނަމަވެސް ސަރުކާރުން ހިންގަން ހުރަސްއެޅޭ މިންވަރަށް އެކަން ގެންގޮސްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.