މާލެއިންނާއި ރިޒޯޓްތަކުންނާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްތަަކަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީންވުމަށް ފަހު އަލުން ޓެސްޓް ކުރަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލެއިންނާއި ރިޒޯޓްތަކުންނާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވެ، ރަނގަޅުވެފައިވާ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށް ފަހު އަލުން ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ބަލީގެ އަލާމާތައް ހުރެއްޖެނަމަ ޓެސްޓް ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މީގެ ކުރިން އެޗްޕީއޭއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރުމަށްފަހު ކަރަންޓީން ނިމުނުކަން އަންގައިދޭ ލިޔުން މިއަދުން ފެށިގެން ނުދޭ ގޮތަށް އެޗްޕީއޭ އިން ކަނޑައަޅާފަ އެވެ.

އެޗްޕީއޭއިން ބުނީ ކަރަންޓީން ކުރާ މީހުނަށް ލިޔުން ދިނުން ހުއްޓާލައިފައި ވަނީ ބަލިވާ މީހުން ބަލިން ފަސޭހަވާނެ ތާރީހު ދެނެގަންނަން ނޭނގޭތީ ކަމަށާއި ކަރަންޓީން ކުރާ ތާރީހުން ފެށިގެން 14 ދުވަހަކަށް ކަރަންޓީން ކުރި ނަމަވެސް 14 ދުވަހުގެ ފަހުން ވެސް ބައެއް މީހުންގެ ހަށިގަނޑުގައި ބަލީގެ އަލާމާތްތައް ހުންނަ ކަމަށެވެ.

ޕޮޒިޓިވްވާ މީހާގެ ބަލި ހާލަތުގެ ގޮތުން އެކަހެރިވާން ޖެހޭ މުއްދަތު ތަފާތުވާ ކަމަށް އެޗްޕީއޭ އިން ފާހަގަ ކުރެ އެވެ. އެގޮތުން ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަ މީހުން 21 ދުވަހަށް އެކަހެރި ވާން ޖެހެ އެވެ. އިތުރަށް ބުނީ ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއް ނަމަ އެކަހެރިވާން ޖެހޭ މުއްދަތު 14 ދުވަހަށް ވުރެ އިތުރުވާ ކަމަށާއި އެފަދަ މީހުން އެކަހެރި ކުރާންޖެހޭ މުއްދަތު އެނގޭނީ ޑޮކްޓަރުންގެ ލަފަޔާ އެކު ކަމަށެވެ.

ކަރަންޓީންގެ މުއްދަތު ހަމަވުމުން ބަލީގެ އަސަރު ހުންނަ މީހުން ބޭރަށް ނިކުމެ އުޅޭ ޝަކުވާތައް ލިބޭ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.