އިންޑިއާގެ މައްޗަށް ބަރޯސާވެގެން ރާއްޖެ ތަރައްޤީގެ ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕްރޮފެސާ ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕްރޮފެސަރު އުގައިލް އަންނަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިއަދު އޭނާގެ ފޭސްބުކް ޕޯސްޓްގައި ވިދާޅުވެފައި ވަނީ އިންޑިއާއަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށާއި އަދި އެފަދަ ގައުމެއްގެ މައްޗަށް މާ ބޮޑަށް ބަރޯސާވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތިއަކަށް ގެންދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން އުގައިލްވަނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގައި އޮންނަންތޯ ސުވާލު ކުރައްވާފަ އެވެ.

"މިއީ ސިޔާސީ ވާހަކައެއް ނޫން. މިއީ އިލްމީ ވާހަކައެއް،" ޕޯސްޓް ނިންމާލައްވަމުން އުގައިލް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވި ފަހު އިންޑިއާ އާއި ރާއްޖެ އާ ދެމެދު ދަނީ އެކި ނަން ނަމުގައި އެއްބަސްވުންތައް ހަދަމުން އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާއި ގުޅުން ބާއްވާފައި ވަނީ މެދުމިނެއްގަ އެވެ. އެކަމަކު މިސަރުކާރުން އައުމަށް ފަހު އިންޑިއާ މެދުގައި އަޑި ނޭނގޭ ގުޅުންތަކެއް ދަނީ ބާއްވަމުންނެވެ. އެގޮތުން ފާއިތުވި އެތައް އަހަރެއްގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަށްވުރެ މިދިޔަ ދެ އަހަރާއި ބައިގެ އިންޑިއާ އިން ނެގި ލޯނު ގިނަ އެވެ. އަދި ރާއްޖޭގައި އެކި ބޭނުމަށް ތިބޭ އިންޑިއާ ސިފައިންގެ އަދަދު ވެސް ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ.

ޕްރޮފެސާ އުގައިލުގެ އިތުރަށް ވެސް އައްޑޫ އަދި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދަނީ އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި މިހާރު އޮތް ގުޅުމާއި އިންޑިއާގެ މައްޗަށް މާ ބޮޑަށް ރާއްޖެ ބަރޯސާވާވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.