މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޒަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ވިދާޅުވީ ކޮވިޑް ހާލަތު އިތުރަށް ގޯސްވެފައިވާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމަށްޓަކައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ދިނުމަށް ނިންމާފައިވަނީ ކޮންކޮން ލުއިތަކެއްކަން އެނގޭނީ މަޝްވަރާތައް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މީގެ ކުރިން ދީފައިވާ ބޮޑެތި ލުއިތަކެއް މިފަހަރު ދިނުމަށް ނުހިމެނޭ ކަމަށެވެ.

"ވިސްނުމަކީ ރައްކާތެރިކަމާ އެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫ ދެމުން ދިއުން. އެހެންވީމާ އިރާދަކުރެއްވިއްޔާ މި ހަފްތާ ނިމޭއިރު، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިތުރު ތަފާތުތަކެއް،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ މުއްދަތު މިހަފްތާގައި ހަމަވެގެންދާނެ އެވެ.

ކޮވިޑް ހާލަތު ގޯސްވުމުން މިހާރު ވަނީ މާލެ ސަރަހައްދު "ފުރަބަންދު" ކޮށްފަ އެވެ. މިހާރު ބޭރަށް ނިކުތުމަށް ހާއްސަ ހުއްދައެއް ނަގަންޖެހެ އެވެ. ސަރުކާރުގެ އޮފިސްތަކާއި އަމިއްލަ އޮފީސްތައްވެސް އޮންލައިންކޮށް ހިދުމަތް ދިނުމަށް ވަނީ އަންގަވާފަ އެވެ.