ހަނިމާދޫގައި އޮންނަ އެއާޕޯޓު ދަމައިގަތުމަށް އިންޑިއާއިން އަބަދުވެސް ކަޅި އަޅާ. މިގޮތުން އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އިންޑިއާގެ ޖީއެމްއާރާއެކު ޑީލެއް ހެދި. ނަމަވެސް އެ ޑީލް ކާމިޔާބުނުވުމުން އެ ކުންފުންޏަށް ނުއަގުގައި ދިނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. މިފަހަރު އަނެއްކާ ވެސް އެ އެއާޕޯޓު ތަރައްގީކުރުމުގެ ނަމުގައި އިންޑިއާ ކުންފުންޏަކަށް އެތަން ދިނުމުގެ ނުބައި ރޭވުން ސަރުކާރުން ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ. ޑޯނިއާ މަތިންދާބޯޓަކާއެކު އިންޑިއާގެ ގިނަ އަދަދެއް ސިފައިން މިހާރު ވެސް އެ އެއާޕޯޓުގައި ތިބޭ.

ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގުމުގެ ފުރުސަތު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް ކުއްލިއަކަށް ބަދަލު ގެނެއީ ކީއްކުރަން ހެއްޔެވެ؟ ޔަގީނުން އެނގޭކަމަކީ މީގެ ފަހަތުގައި ސަރުކާރުން ފޮރުވައިގެން ގެންގުޅޭ އެޖެންޑާއެއް އެބައޮތް ކަމެވެ. މި ސަރުކާރު ވޫޖަށް އައުމުގެ މާކުރިން ހަދާފައިވާ މި އުސޫލަށް ކުއްލިއަކަށް މި ސަރުކާރުން ބަދަލު ގެނައީ ކޮން ބޭނުމަކު ހެއްޔެވެ؟

ރާއްޖޭގައި ހިންގާ އެއްވެސް އެއާޕޯޓެއް ދިވެހި ހިއްސާއެއް ނޯންނަ 100 ޕަސެންޓް ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް އޮޕަރޭޓްކުރުމުގެ ހުއްދަ ދޭކަށް ނުޖެހެ އެވެ. ރާއްޖޭގެ އެއާޕޯޓުތައް ކާމިޔާބުކަމާއެކު ހިންގޭވަރުގެ ގާބިލް ކުންފުނިތައް ނެތީއެއް ނޫނެވެ. މިއީ މިހާރު ހިންގާ އެއާޕޯޓުތަކުން ސަރުކާރަށް ގެއްލުންވާ ކަމަށް ބުނެ، ސިއްރުން ބަޔާ ޑީލެއް ހަދައިގެން އެއާޕޯޓްތައް ވިއްކާލުމުގެ ފެށުމެވެ.

ރާއްޖޭގައި ހިންގާ ޑޮމެސްޓިކް ބައެއް އެއާޕޯޓުތަކަކީ ދައުލަތަށް އެއްވެސް ފައިދާ ލިބޭ ތަންތަނެއް ނޫނެވެ. ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް އެ އެއާޕޯޓުތައް ތަރައްގީކުރީ ރަށްރަށުގެ މީހުންނަށް ވައިގެ މަގުން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފުރުސަތު ހޯދައިދިނުމަށާއި ޓޫރިސްޓުންނަށް އަވަހަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖޭގައި ހިންގާ އެއާޕޯޓުތަކުން ގެއްލުން ވަނީ ހިންގަން ނޭނގުމުގެ ސަބަބުންނެވެ. އެންމެ ބޮޑު ސަބަބެއް ކަމަކަށް އޭނާ ދެއްކީ ބޭކާރު މުވައްޒަފުންތައް ގެންގުޅުމެވެ.

"މަޖިލިސް މެމްބަރު ދާއިރާގެ ކޮންޓްރޯލް ބޭނުންވާތީ ދީފައި ހުންނަ ވަޒީފާތައް އެ އެއާޕޯޓުތަކުގައި ގިނަވާނީ. އަދި އެތަންތަން ޑިވެލޮޕްކޮށްފައި ހުރީ ވިޔަފާރި މޮޑެލްއަކުން ފައިދާ ހޯދޭ ގޮތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ. "އެ ވިސްނުން އަދިވެސް ނާދޭ."

ސަރުކާރުން ތަރައްގީކޮށް ހިންގާ ރީޖަނަލް އެއާޕޯޓުތަކުގެ ތެރެއިން އެއްވެސް އެއާޕޯޓަކަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސެ އެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އެ ތަޖުރިބާކާރު ވިދާޅުވީ އެތަންތަން ތަރައްގީކުރީ ހަމައެކަނި ފްލައިޓް ޖެއްސުމަށް ކަމަށްވާތީ އެވެ.

ނ. މާފަރު އެއާޕޯޓަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓްތަކެއް. އެ އެއާޕޯޓަށް ޖައްސާ ޖެޓްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފޮޓޯ: މާފަރު އެއާޕޯޓު

"މިހާރު އެތަންތަނުގެ ބިޒްނަސް މޮޑެލް ބަދަލުކޮށްފި ފައިދާ ލިބޭނެ. އެތަންތަނަށް އަންނަނީ ޓޫރިސްޓުންނަށް ތިބެވޭނެ ރޫމްތަކާއި ރެސްޓޯރަންޓާއި ޝޮޕްތައް. އޭރުން އެތަންތަން ހިނގަން ފަށާނެ،" އޭނާ ވިދާޅުވި އެވެ.

ނަމޫނާއެއް ގޮތަށް އޭނާ ނެންގެވީ ގއ. ކޫއްޑޫ އެއާޕޯޓެވެ. ސިންގަޕޫރުގެ ހޮންގްލިއޮން ކޮންސްޓްރަކްޝަނާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރިސޯޓްސް އެންޑް ހޮޓެލްސް ކޮންޓްރަކްޝަން ގްރޫޕު ގުޅިގެން ހިންގާ ކޫއްޑޫ އެއާޕޯޓެވެ. އެތަނުގައި އެއާޕޯޓު ހިންގާތީ އެ ކުންފުނިން ވަނީ މާކިއޯގެ ނަމުގައި ބޮޑު ރިސޯޓެއް ތަރައްގީކޮށްފަ އެވެ. އެއީ އެއާޕޯޓަކީ ފައިދާވާ ތަނެއްގެ ގޮތުގައި ހިންގުމަށެވެ.

ކޫއްޑޫ މޮޑެލްއަށް ހިންގޭ ކިތަންމެ އެއާޕޯޓެއް ރާއްޖޭގައި އެބަހުރި. މިސާލަކަށް ސ. ގަން އެއާޕޯޓު ވެސް އެ ކޮންސެޕްޓަށް ހިންގޭނެ. އޭރުން ގަން އެއާޕޯޓު ވެސް ގެއްލުމުގައި ހިންގާކަށް ނުޖެހޭނެ،
އިގްތިސާދީ ތަޖުރިބާކާރެއް

"ކޫއްޑޫ މޮޑެލްއަށް ހިންގޭ ކިތަންމެ އެއާޕޯޓެއް ރާއްޖޭގައި އެބަހުރި. މިސާލަކަށް ސ. ގަން އެއާޕޯޓު ވެސް އެ ކޮންސެޕްޓަށް ހިންގޭނެ. އޭރުން ގަން އެއާޕޯޓު ވެސް ގެއްލުމުގައި ހިންގާކަށް ނުޖެހޭނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

މީގެ އިތުރުން އައިލެންޑް އޭވިއޭޝަނުން ހިންގާ ބ. ދަރަވަންދޫ އެއާޕޯޓާއި ނ. މާފަރު އެއާޕޯޓަކީ ވެސް ޓޫރިޒަމް ބޮޑު ޒޯނެއްގައި ހިންގާ ދެ އެއާޕޯޓަށް ވުމުން އެތަންތަން ހިންގަނީ ގެއްލުމުގައެއް ނޫނެވެ. އަދި ވިލާ އެއާ އިން ހިންގާ މާމިގިލި އެއާޕޯޓު ވެސް އެ ގެންދަނީ ދުވަހެއް ދުވަހަކަށް ބޮޑުކޮށް ވަސީލަތްތައް އިތުރުކުރަމުންނެވެ. އެ ބަދަލުތައް އެއާޕޯޓަށް ގެންނާނީ އެތަނުން ފައިދާ ވާތީ އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ތަރައްގީކުރި އެއާޕޯޓުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް އެއާޕޯޓަކީ ހދ. ހަނިމާދޫ އެއާޕޯޓެވެ. އެއީ ރާއްޖޭގެ އުތުރުގައި ހެދި ފުރަތަމަ އެއާޕޯޓެވެ. އޮކްޓޯބަރު 28، 1990 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓަކީ އެންމެ އުތުރުގެ ދެ އަތޮޅާއި މާލެއާ ގުޅުވައި ދިނުމުގެ ފެށުމެވެ.

ހަނިމާދޫ އެއާޕޯޓަށް އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއް ޖައްސާފައި.

ވަރަށް އާދައިގެ ގޮތަކަށް ހެދި އެއާޕޯޓަށް އެއްވެސް ބަދަލެއް ނުގެނެސް، ފެބްރުއަރީ 2، 2013 ގައި ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރި އެވެ. އޭގެ ބޭނުމަކީ ހަނިމާދޫން ފުރައިގެން އިންޑިއާގެ އެކި ސިޓީތަކަށް ދަތުރުކުރެވޭނެ ގޮތް ހެދުމެވެ. އޭގެ ފަހުން މޯލްޑިވިއަނުން ދާދި ފަހަކާ ޖެހެންދެން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރި އެވެ.

އިންޑިއާގެ ލޯ އަބަދުވެސް ހަނިމާދުއަށް

ބުޅާ މަސްގަނޑަކަށް ބަލައިގެން އޮންނަ ގޮތަށް އިންޑިއާއިން އަބަދުވެސް އެކި އުކުޅުތައް ބޭނުންކޮށްގެން ހަނިމާދޫ އެއާޕޯޓު ދަމައިގަތުމަށް އޮންނަނީ ފާރަލައިގެންނެވެ. އެތަން ހޯދަން އެކިއެކި އުކުޅުތައް އެ ގައުމުން ދަނީ ބޭނުންކުރަމުންނެވެ. އެ އެއާޕޯޓު ތަރައްގީކުރުމުގެ އެކިއެކި ހުވަފެން ދައްކައިގެން އޭރަކު އޮންނަ ސަރުކާރެއް ހައްލައިލެވޭތޯ އިންޑިއާ އިން ވަރަށް މަސައްކަތްކުރެ އެވެ. މިގޮތުން އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ޖީއެމްއާރުން އެ އެއާޕޯޓު ދަމައިގަންނަ މަސައްކަތްކުރި އެވެ. އެ ސަރަހައްދުގައި 10،000 ޓޫރިސްޓު އެނދާއެކު ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދާނެ ކަމުގެ ހުވަފެން އެ ކުންފުނިން ދެއްކި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ނަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ދިވެހިސަރުކާރާ ދެމެދު 2009 ވަނަ އަހަރު އެމްއޯޔޫއެއްގައި ސޮއިކުރަނީ. ފޮޓޯ: ރައީސް އޮފީސް

ބެންގަލޯރުގެ ކުންފުނި، ޖީއެމްއާރާއެކު ދިވެހި ސަރުކާރުން ނޮވެމްބަރު 5، 2009 ގައި އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. ނަމަވެސް އެތަނަށް އޭރު ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދިވެހިސަރުކާރުން އެ ކުންފުންޏަށް ދިނީ މާ ރަނގަޅު އޮފާ އެކެވެ. މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނުއަގުގައި ޖީއެމްއާރަށް ބޮޑު ފައިދާ ލިބޭ ގޮތަށް ޑީލް ހެދުމުން ޖީއެމްއާރުން ހަނިމާދޫ ތަރައްގީކުރުމުގެ ވިސްނުން ދޫކޮށްލި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ނަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުނިން 2009 ވަނަ އަހަރު ދެއްކި ކުރެހުމެއް.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ހަނިމާދޫ އެއާޕޯޓު އަލުން ތަރައްގީކުރާނެ އަނެއްކާ ވެސް ފެށި އެވެ. އެގޮތުން އިންޑިއަން އެގްޒިމް ބޭންކުގެ އެހީގައި އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް މިދިޔަ އަހަރުގެ ފަހުކޮޅު އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރި އެވެ.

އެ މަޝްރޫއުގެ ދަށުން 54 މިލިއަން ޑޮލަރު (832.6 މިލިއަން ރުފިޔާ) އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.

"ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އެއާބަސް އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށެވެ.

އެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގެ ރަންވޭ 2،200 މީޓަރަށް ބޮޑުކުރުމާއި އަހަރަކު 700،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އާ ޓާމިނަލެއް ހެދުން ހިމެނޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާނެ ގޮތުގެ ކުރެހުމެއް.

"އަޅުގަނޑުމެން ލަފާކުރަނީ އެއާޕޯޓް ތަރައްގީކުރުމުގެ މި ފޭސް ނިމޭއިރު ކުރިޔަށް އޮތް ދިހަވަރަކަށް އަހަރު ބޭނުންކުރެވޭނެ ޖާގަ އޮންނާނެ ކަމަށް. އެތަން ތަރައްގީކުރަނީ އޭގެ ފަހުން ވެސް ބޮޑުކުރެވޭ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު އޭރު ވިދާޅުވީ އެ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

އެ މަޝްރޫއު ކުރިޔަށް ގެންދާނެ ބަޔަކު ހޯދަން އިއުލާންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2،460 މީޓަރަށް ދިގުކުރުމާއި 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމާއި 624،000 އަކަފޫޓުގެ އޭޕްރަންއަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން މިދިޔަ މަހުގެ ކުރީކޮޅު ބުންޏެވެ.

މަކަރުވެރި ރޭވުމެއްގެ ތެރެއިން ހަނިމާދޫ އިންޑިއާއަށް ދެނީ

އެއާޕޯޓުގެ ކޮންޓްރެކްޓް ބަޔަކާ ހަވާލުކުރުމުގެ މަގުމަތީގައި އުޅެނިކޮށް އިކޮނޮމިކް މިނިސްޓްރީން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި ބަދަލާ ގިނަ ބަޔަކު ގުޅުވަނީ ހަނިމާދޫ އެއާޕޯޓެވެ. ފަހަރެއްގައި މިއީ އެތަނުގެ އިތުރުން އެހެން އެއާޕޯޓުތަކެއް ވެސް ދޭން އުޅުމުގެ ފެށުމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

"މިހާރު ވެސް އަލަށް އެބަ ހަދާ އެއާޕޯޓުތަކެއް. ފަހަރެއްގައި އެ އެއާޕޯޓުތައް ހިންގަން ބޭރުގެ އެހެން ކުންފުނިތަކަކަށް ދީފައި ފަހުން ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދީފާނެ. މިއީ ވަރަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކުރަން އުޅޭ ނުރައްކާތެރި ކަމެއް،" ގައުމީ ސަލާމަތީ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މިހާރު ވެސް އަލަށް އެބަ ހަދާ އެއާޕޯޓުތަކެއް. ފަހަރެއްގައި އެ އެއާޕޯޓުތައް ހިންގަން ބޭރުގެ އެހެން ކުންފުނިތަކަކަށް ދީފައި ފަހުން ހަނިމާދޫ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދީފާނެ. މިއީ ވަރަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ކުރަން އުޅޭ ނުރައްކާތެރި ކަމެއް،
ގައުމީ ސަލާމަތާ ބެހޭ ތަޖުރިބާކާރެއް

ސިފައިންގެ ހިދުމަތުގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރެއްވި އެ ބޭފުޅާ ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން އެ ޕޮލިސީއަށް ބަދަލު ގެންނަނީ "ޑީލް" ނިންމާފައި ކަމަށެވެ.

"މިކަމުގެ ހަގީގަތް ތިލަވާކަށް މާގިނަ ދުވަހެއް ނުނަގާނެ. މިހާރު ވެސް ހަނިމާދޫ އިންޑިއާގެ ކުންފުންޏަކަށް ދޫކޮށްލުމުގެ ކޮޅުމަތި އެބަ ފެނޭ. މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް،" އެ ބޭފުޅާ ވިދާޅުވި އެވެ.

ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ޑޯނިއާ މަތިންދާބޯޓަކާއެކު އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ވެސް އެ އެއާޕޯޓުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެއީ ވެސް އަޑި ނޭނގޭ ގޮތަށް ކުއްލިއަކަށް އެތަނަށް ފުންމާލި ބައެކެވެ.

އެ މައްސަލަ ކުރިމަތިވެފައި ވަނިކޮށް، އެއާޕޯޓުތައް ހިންގުން ބޭރުގެ ކުންފުނިތަކަށް ދެވޭ ގޮތަށް އުސޫލު ބަދަލުކުރުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ މި މައްސަލާގައި އޭނާގެ ކަންބޮޑުވުންތައް ޓުވިޓާގައި އޮއްސާލައްވައިފަ އެވެ.

އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ އެ ޕާޓީގެ މެމްބަރު ޑީޑީގެ މައިގަނޑު ކަންބޮޑުވުމަކީ، ސަރުކާރުގެ މި ނިންމުމާއެކު، ދިވެހި ސިފައިންގެ ބާރު ނުފޯރުވޭ ގޮތަށް ކަންކަން ހިނގައިދާނެތީ އެވެ. އެހެންވެ، އޭނާ ކުރެއްވި ޓުވީޓުގައި ވަނީ ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް އިސްލާހު ގެނައިރު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް މިކަން އެނގިވަޑައިގަންނަވާތޯ ވެސް ދީދީ އެއްސެވި އެވެ.

"އަޅުގަނޑުމެންގެ ގާނޫނުއަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟ ކޮބައިތޯ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް؟،" ދީދީ ކަންބޮޑުވުމާއެކު، ގައުމީ ސަލާމަތީ ބާރުތަކުގެ އިސްވެރިންނާ ސުވާލު ކުރެއްވި އެވެ.

ޑީޑީ އެކަމާ ދެކޮޅަށް ވާހަކަދެއްކެވުމުން އެމްޑީޕީގެ ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުން ދިޔައީ އޭނާއަށް ފުންމައިގެންނެވެ. އަދި ޑީޑީއަކީ ފިތުނަ އުފައްދަން އުޅޭ މީހެއް ކަމަށް ބުނެ އޭނާއާ ދިމާކޮށްލި އެވެ. ނަމަވެސް ޑީޑީ ވަނީ އޭގެ ތެރެއިން ބައެއް މީހުން ދެއްކި ވާހަކަތަކަށް ރައްދުދެއްވައިފަ އެވެ.

ދީދީ ވިދާޅުވީ، ދިވެހި ސަރުކާރުގެ މި ނިންމުމަކީ ސަރަހައްދުގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

ދީދީގެ އެ ޓުވިޓާ ގުޅިގެން މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ރިސޯޓުތައް ލީސްކޮށްގެން ބޭރު މީހުން ހިންގާ ގޮތާއި ރާއްޖޭގައި ބޭރުގެ މީހުންނަށް އެއާޕޯޓުތައް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދިނުމާ ވަރަށް ތަފާތު ކަމަށެވެ.

ދީދީ ވިދާޅުވި ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލާއެކު، ރާއްޖޭގައި އެއާޕޯޓެއް ބޭރުގެ ބަޔަކަށް ދިނުމާއި ރިސޯޓެއް އެ ގޮތަށް ދޫކުރުމާ އެއްވަރެއް ނުކުރެވޭނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު. ފޮޓޯ: އެމްއެންޑީއެފް

"ތަންކޮޅެއް ފުންކޮށް ވިސްނާލައްވާ. ނޭޝަނަލް ސެކިއުރިޓީ އިޝޫސް ލުއިކޮށް ނަގަން ހެޔޮ ނުވާނެ،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރު އަދި އައްޑޫ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ދީދީ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވީ، އެއާޕޯޓެއް [ބޭރު ބަޔަކު] ހިންގިޔަސް އެއީ ރާއްޖޭގެ އިހުތިސާސްގެ ތެރޭގައި އޮންނާނެ ތަނެއް ކަމަށާއި ރާއްޖޭގެ ގާނޫނުތައް އެ ތަނުގައި ވެސް ހިނގާނެ ކަމަށް ބުނެ މީހަކު ސުވާލު ކުރުމުންނެވެ.

"ރިސޯޓުތައް ވެސް މިއޮތް ހިނގަނީ ނޫންތޯ؟ އެއާޕޯޓު ވެސް ލީސް ނޫންތޯ ކުރާނީ،" އެ މީހާ ދީދީއާ ކުރި ސުވާލުގައި ވެ އެވެ.

ޑީޑީގެ އިތުރުން އެތައް ބަޔަކު ދަނީ ސަރުކާރުގެ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ބޭފުޅަކު އެއްޗެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން ތިން އަހަރުގެ ތެރޭގައި ދެ ބިލިއަނެއްހާ ރުފިޔާ ހޯދާނެ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ދާދިފަހުން ބުނެފައިވެ އެވެ. ފަހަރެއްގައި މިއީ ދައުލަތުގެ ބަޖެޓް ފޫގޮސްފައިވާ މިދަނޑިވަޅުގައި މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އިންޑިއާގެ ބާރު ހިނގާ ބަޔަކަށް ހަނިމާދޫ އެއާޕޯޓާއި އެހެން އެއާޕޯޓުތަކެއް ވެސް ވިއްކާލުމުގެ ފެށުމެވެ. މިއީ އާއްމުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ހައްސާސް މައްސަލައެކެވެ. އެދުމެއް ނެތި އިންޑިއާ އިން ވިޔަސް ވެދުމެއް ނުކުރާނެ އެވެ.