ރާއްޖޭގެ އެއާޕޯޓްތައް ހިންގުމަށް ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ދިނުމަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ސަރުކާރުން އިސްލާހު ގެނެސްފައިނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމަށް ސަރުކާރު ހުއްދަ ދިނުމާ ގުޅިގެން ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔުމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވީ މި ފަހުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނެވުނު ބަދަލުގައި އެއާ ޓްރެފިކް އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ވެސް ހުއްދަ ނުކުރާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ އެއާޕޯޓެއް ނަމަވެސް އެކަމަކީ ދައުލަތުން ކުރާނެ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނެވުނު ބަދަލުގައި އޮޅުންއަރާ ފަދަ ބަސްތައް އިސްލާހުކޮށް، އިތުރަށް ސާފަވާނެހެން ބަސްތައް ބަދަލުކުރައްވާނެ ކަމަށެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއަށް ގެނައި ބަދަލުކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ބޭރުގެ ވިޔަފާރިތަކަށް ރާއްޖޭގައި އެއާޕޯޓް ހިންގުމުގެ ފުރިހަމަ ބާރު އިކޮނޮމިކް މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަކުން ރާއްޖޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރަން ޖެހޭނެ އިކޮނޮމިކް މިނިސްޓްރީން ގެނައި ބަދަލުގައިވާ ކަމަށެވެ.