ނެއިބަހުޑް ޑެވެލޮޕްމެންޓް ސަރަހައްދެއްގެ ގޮތުގައި ބަނޑޭރި ކޮށި ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް ގެންގުޅޭ ވިސްނުމަށް މާލޭ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ރޭ މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ވަނީ މާލެ ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނެއް ހިއްސާ ކުރައްވާފަ އެވެ.

އެ ޕްލޭނުގައިވާ ގޮތުން ބަނޑޭރި ކޮށި ސަރަހައްދު މީހުން ދިރިއުޅޭ ސަރަހައްދެއް ގޮތުގައި ތަރައްގީކުރުމުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ޕްލޭނން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

އެ މިނިސްޓްރީއިން ބުނީ ބަނޑޭރި ކޮށީގެ އިތުރުން ވެސް އެ ސަރަހައްދުގައި ދައުލަތުގެ ގިނަ ބިންތަކެއް ހުރުމުން އެ ތަނަކީ، ނެއިބަހުޑެއްގެ ގޮތުގައި ތަރައްގީކުރެވިދާނެ ތަނެއް ކަމެއް ކަމަށެވެ.

ބަނޑޭރިކޮށި ތަރައްގީކުރުމަށް މިނިސްޓްރީން އެކުލަވާލާފައިވާ ޕްލޭނަށް ތާއީދުކުރާކަން ހާމަ ކުރައްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ އެ ސަރަހައްދު ތަރައްގީކުރުމުގެ ވިސްނުމެއް ސިޓީ ކައުންސިލްގައި ވެސް އެބަ އޮތް ކަމަށެވެ. އެ ވިސްނުމަކީ މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ރަށްވެހިންނަށް ގެދޮރު ކަށަވަރުކޮށްދިނުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވެސް އެންމެ ގިނަ ބަޔަކު ހިޔާލު ހުށަހަޅާފައިވަނީ މާލެ ރައްޔިތުނަށް އެންމެ ބޭނުންވެފައިވާ ބޯހިޔާވެހިކަމަށް ހައްލެއް ހޯދައި ދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ހުރި ބިންތަކުގައި ގިނަ ފްލެޓް އެޅުމަށް ވެސް މިބައްދަލުވުމުގައި ބައިވެރިވި މީހުން ވަނީ ހިޔާލު ދެއްވާފަ އެވެ.

މާލެ ތަރައްގީކުރާއިރު މާލެ ރައްޔިތުންގެ ހައްގު ނުގެއްލޭނޭހެން ތަރައްގީގެ ޕްލޭންތައް އެކުލަވާލަން ޖެހޭ ކަމަށާއި މާލޭގެ މީހުންނަށް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އެފަރާތަކުން ވަނީ ބުނެފަ އެވެ.

ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭނުގައިވާ ގޮތުން ބަނޑާރަ ކޮށި ސަރަހައްދުގައި މިޑް ރައިސް ރެސިޑެންޝަލް ޓަވަރުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

އެ ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭން އެއްގޮތަށް ނިމިފައި ނުވި ނަމަވެސް، މިނިސްޓްރީއިން ދެއްކި ޕްރަޒެންޓޭޝަންގައިވާ ގޮތުން މަލްޓި ލެވެލް ފުޓްސަލް ކޮމްޕްލެކްސްއަކާއި ލޯ އަދި މިޑް ރައިސް އޮފީސް ޓަވަރުތަކަކާއި އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ ޓަވަރުތަކާއި އޮފީސް އަދި ފިހާރަތައް ޕްލޭނުގައި ހިމަނާފައިވެ އެވެ. އަދި، ހިނގާ އުޅެވޭނެ މަގުތަކާއި ޕާކްތައް ވެސް ޕްލޭނުގައި ހިމަނާފައިވެ އެވެ.