ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ގެން ދިން ހަމަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދު ހަމަލާ ދިނުމުގެ ދުވަސްތަކެއް ކުރިން މެރިން ފުލުހުން ކަނޑުމަތިން ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރައީސް ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެ މީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަހުމަދު މިދިޔަ މަހުގެ އެއް ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމަށް މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެ ދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީންގެ އިތުރުން މި މައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި އެންމެ އިސްކޮށް ހުރި އަދުހަމް

މި ލޯންޗް ހުއްޓުވާފައިވަނީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ހުޅުމާލެ ފަޅު ތެރެއިން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން، އެ ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރިވުމަށް ފަހު ސީން ނިންމާލައިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދުހަމްއަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.