ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނު މީހުން އިއުލާންކޮށްފައި ވަނިކޮށް، އެ ކެޓަގަރީތައް މިސަރުކާރުން އުވާލާފައި ވާތީ އެ ފަރާތްތަކަށް އިތުރު އެހެން މަޝްރޫއަކުން ފްލެޓް ދޭން ޖެހޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ސިޓީ ކައުންސިލުން އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީން، އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ކުރެއްވުމަށް ފަހު އެކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލޭގެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގެނައި ބަދަލަކާއެކު އެއް ކޮޓަރީގެ ފުލެޓްތައް އުނިކުރި ނަމަވެސް އެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިތުރު ގޮތެއް ސަރުކާރުން ހޯދަން ޖެހޭ ކަމަށެވެ.
"އޭރުގެ ސަރުކާރުން ނިންމީ އަލަތު ކައިވެނީގެ ކެޓަގަރީން ކުރިމަތިލި ހުރިހާ އެންމެނަށް ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅައި ދާއިމީ ލިސްޓް ނެރެން،" މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއު މިސަރުކާރުން ބަދަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެކަމުގެ ޝަކުވާތައް ގިނަ ޒުވާނުން ކޮށްފައިވާ ކަމަށެވެ.
މި ފްލެޓްތަކަކީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަކޮށް އިއުލާނުކުރި، ކެޓަގަރީއާއި މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހާއްސަ ކެޓަގަރީގެ އިތުރަށް އަލަތު ކައިވެނިކުރި ޒުވާނުންނަށް ހާއްސަކުރި ކެޓަގަރީގެ ފަރާތްތަކަށް ދިނުމަށް ނިންމި ފްލެޓްތަކެވެ.
ޖުމްލަކޮށް 1،000 މީހުންނަށް އެއް ކޮޓަރީގެ ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ނިންމައި ލިޔުން ހަވާލުކުރި އެވެ.
މި އެއް ކޮޓަރީގެ ފުލެޓުތައް ދޫކުރަން ހަމަޖައްސާފައިވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ ފުލެޓުތައް ގަތުމަށްފަހު އެ ފްލެޓްތަކެވެ.
40 އަހަރުން މަތީ މީހުން އުލެންވީ މަގުމަތީގަތަ. ޥޯޓް ހޯދަން ކެޓަގަރީ ތަކެއް ހެދި އިރު 40 އަހަރުވުމުން ފުލެޓް ނުލިބެންވީ ސަބަބެއް ނޫންގުނު.