ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ފައިނޭންސް މިނިސްޓްރީ އެކުލަވާލި ލޯން ދިހަ މިލިއަނާ ހަމަޔަށް ދޫކުރަން ނިންމައިފި އެވެ.
މިއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރާ ލޯން ސްކީމެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނީ މި ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އެ ލޯނު ދޫކުރަނީ ހަ ޕަސެންޓް އިންޓަރެސްޓްގައި ރަހުނަކާ ނުލަ އެވެ. އަދި އެ ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ދެ އެވެ.
ބީއެމްއެލް އިން ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ބޭންކުން މި ލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނެ ކަމަށެވެ. އަދި މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބީއެމްއެލްގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.