ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފި ނަމަ މާދަމާ އެކަމާ އިންތިހާއަށް ހިތާމަ ކުރަންޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހަޅާފައިވާ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހަށް އިސާރާތް ކުރައްވާ އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޫކޮށްލާ އެއްވެސް ހައްގަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ ހައްގަށް ވެސް ވީ ހަމަ އެހެން،" އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ "ނަފްރަތް" ބިލާ ދެކޮޅަށް ދީނީ އިލްމުވެރިންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެބިލާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވެސް ބޮޑު ކެމްޕޭނެއް ފެށިގެން ކުރިއަށްދާއިރު އެ ބިލާ ދެކޮޅަށް ގިނަ ކައުންސިލްތަކުން ވަނީ ގަރާރު ނެރެފަ އެވެ.

މީގެ އިތުރުން މި ބިލް އަނބުރާ ނެންގެވުމަށް އެދި 101 އިލްމްވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއަށް ޕެޓިޝަނެއް ވެސް ވަނީ ހުށައަޅާފަ އެވެ.