އެމްޑީޕީގެ ބަޔަކު ވަނީ ސިޔާސީ ބޭނުމަށް ރާއްޖެ ބައިބައި ކޮށްލައިފައި ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ރަސްމީ ގެކޮޅު ހަމަޖެއްސުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓަށް މަޖިލީހުގައި ކުރި ބަހުސްގައި ޝަރީފްއާއި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ހިގައިފަ އެވެ.
އެ ތިން މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ފެށުނީ، ފެށުނީ ވައްޑެ އާއި އިމްތިޔާޒް ހަރުކަށި ފިކުރާއި ނަފްތަރު އުފެއްދުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ފަހު އެވެ. އެގޮތުން މުސްލިމަކު ކާފަރެއްކަމަށް ހެދުން ކުށަކަށް ހެދުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލަކީ ސެކިއުލާ ބިލެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވައްޑެ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެެވެ.
ވައްޑެ އާއި އިމްތިޔާޒުގެ ވާހަކަތަށް ޝަރީފު ސިފަކުރެއްވީ އިސްލާމްދީނަށް ކުރި ފުރައްސާރައެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އިސްލާމް ދީނަކީ ބޮން ގޮއްވާ އަދި މީހުން މަރާ ދީނެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވައްޑެ ވާހަަކަ ދެއްކެވި ކަމަށް ޝަރީފު ވަނީ ތުހުމަތުކޮށްފަ އެވެ.
އެގޮތަށް ތުހުމަތު ކުރެއްވުުމަށްފަހު ޝަރީފު ވިދާޅުވީ، އެ ދެ މެމްބަރުން އިސްލާމްދީނަށް ނަފްރަރުވާގޮތަށް ވާހަކަ ދައްކާ ކަމަށެވެ.
ޝަރީފުގެ އެ ވާހަކައާ ގުޅިގެން ވައްޑެ ވިދާޅުވީ، އޭނާ އިސްލާމް ދީނަށް އިހާނެތިވާ ގޮތަށް އެއްވެސް ވަރަކަށް ވާހަަކަ ނުދައްކާ ކަމަށާއި ޝަރީފުގެ ވާހަކަތަކުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.
"އަޅުގަނޑަށް ކަނޑައެޅިގެން ހަމަލާދޭ ގޮތަށް ހިތްވަރުދޭ ގޮތަށް މެމްބަރު [ޝަރީފް] އެ ވާހަކަ ދައްކަވަނީ" ވައްޑެ ވިދާޅުވި އެވެ.
ވައްޑެގެ އިތުރުން އިމްތިޔާޒު ވެސް ވަނީ ޝަރީފަށް ރައްދު ދެއްވާ ވާހަކަ ދައްކައިފި އެވެ. އެގޮތުން އިމްތިޔާޒު ވިދާޅުވީ، ޝަރީފް ދެއްކެވި ވާހަަކަތަކަކީ ވައްޑެއަށް ހަމަލާ ދިނުމަށް ބާރުލިބޭ ފަދަ ވާހަކަތަކެއް ކަމަށް ބެލެވިދާނެ ކަަމަށެވެ.
"ލޭ ހުއްދަކުރުމަށް އަނެއްކާވެސް ހިތްވަރުދެވޭ ކަހަލަ ވާހަކައެއް ނުދެއްކެވޭނެ ރައްޔިތުންގެ މަޖިލީހުގައެއް އިސްލާމްދީނާ ގުޅުވައިގެނެއް." އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒު ވާހަކަ ދައްކާ ނިމުނުތަނާހެން އަނެއްކާ ވައްޑެ ޝަރީފަށް ރައްދުކޮށް ވިދާޅުވީ، ޝަރީފަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުން ރިޝްވަތު ނަންގަވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ އިސްލާމް ދީން ދެކެ ލޯބިވާ ހަމައެކަނި ބޭފުޅަކު ކަމަށް ބުނުން ބަލައިނުގަނެވޭނެ ކަމަށެވެ.
އެ ދެ މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ޝަރީފު ވިިދާޅުވީ، އިމްތިޔާޒާއި ވައްޑެ މަސައްކަތް ކުރަނީ ރާވައިގެން އޭނާ ބޮލުގައި ތުހުމަތު އަޅުވައި ފިތުނަ އުފެއްދުމަށް ކަމަށާއި ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށެވެ.
އަދި ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ކަންތައް ބޮއްސުން ލައިގެން ދިޔައީ، ސިޔާސީ ބޭނުމަކަށް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު މީހުން ފިތުނަ އުފެއްދުމުން ކަމަށެވެ. އެގޮތުން އޭނާގެ ބޮލުުގައި ހިޔާނާތުގެ ދޮގު އިލްޒާމު އެޅުވުމުން، މަރުގެ އިންޒާރު ލިބެމުންދާ ކަމަށެވެ.
"އަޅުގަނޑުގެ ބޮލުގައި ތުހުމަތެއް އެޅުނޭ ކިޔާފައި އަޅުގަނޑު ވައްކަންކުރި މީހަކަށް ހެދުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑަށް ބޮޑެތި ބިރުތަކެއް އެބައާދޭ. ނަފުރަތު އުފެދިގެން އަޅުގަނޑަށް މަރުގެ އިންޒާރުތައް އެބަ އާދޭ. އެ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުންދަނީ ނަފުރަތު އުފައްދަން." ޝަރީފް ވިދާޅުވި އެވެ.
ސިޔާސީ މަގުސަދު ހާސިލްކުރަން ގައުމު ބައިބައިކޮށްލި މީހުންގެ ތެރޭގައި ވައްޑެ އާއި އިމްތިޔާޒު ހިމެނޭކަމަށް ޝަރީފު ވިދާޅުވި އެވެ.
އެމް. ޑީ. ޕީ. ގެ މަދު ބަޔަކު ވަނީ ސިޔާސީބޭނުމަށްޓަކައި (އަހުރެން ހިމެނޭ ގޮތުން) ޤައުމު ބައިބައިކޮށް ކޮށާފައި