ލައިވް އެކްޝަން ފިލްމުގައި ސްނޯ ވައިޓް ކެރެކްޓާގެ ރޯލުން ފެނިގެން ދާނީ ސްޓީވަން ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" ފިލްމުގެ ރީމޭކުގައި މާރިޔާގެ ރޯލުން ފެނިގެން ދިޔަ ރިޗެލް ޒެލްގާ ކަމަށް ޑިޒްނީން ބުނެފި އެވެ.

ކޮލޮމްބިއާ އަދި އެމެރިކާއަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އެކްޓްރެސް ރިޗެލް ޒެލްގާ ޓީމުން ވެސް ވަނީ ސްނޯ ވައިޓްގެ ކެރެކްޓާގެ ރޯލުން އޭނާ ފެނިގެންދާނެކަން ހާމަކޮށްފަ އެވެ.

1938 ވަނަ އަހަރުގެ އެނިމޭޓެޑް ފިލްމު "ސްނޯ ވައިޓް"ގެ މައްޗަށް ބިނާކޮށް ހަދާ މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެހެން ނަމަވެސް މި ފިލުމްގެ ނަމެއް އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ.

ރިޗެލް މިފިލްމަށް ހޮވާފައި ވަނީ އޮޑިޝަންގައި 30،000 ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.

ޑައިރެކްޓަ މާކް ވެބް ލީޑު އެކްޓްރެސްގެ ޓެލެންޓާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ ރިޗެލްގެ އާދަޔާ ހިލާފު ރީތި އަޑަކީ އޭނާއަށް ލިބިފައިވާ ގުދުރަތީ ހަދިޔާއެއް ކަމަށެވެ. ރިޗެލްއަށް ލިބިފައިވާ ވިސްނުން ތޫނުކަމާއި ސާބިތުކަން ޑިސްނީގެ މި ރޯލްއިން އިތުރަށް ފެނިގެންދާނެ ކަމަށެވެ.

ޖޫން 2017ގައި ދި ލިޓުލް މާމެއިޑްގެ އޭރިއަލް ކޮސްޓިއުމްގައި ނަގާފައިވާ ފޮޓޯއެއް ރިޗެލް ވަނީ ޕޯސްކޮށްފަ އެވެ. ޓުވީޓްގައި އޭނާގެ ހުވަފެން ހަގީގަތަކަށް ވެފައިވާ ކަމަށް ބުނެފައިވެ އެވެ.