ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނެގުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މާދަމާ އެޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ހަރުގޭގައި އޮންނާނެ ކަމަށެވެ.

އަހަރީ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއަކާއި ސޯޝަލް އެޕްލިކޭޝަން ކްލަބް ހައުސްގައި "އެމްޑީޕީ ހަރުގެ" ލޯންޗުކުރުމުގެ ހަރަކާތެއް ވެސް ބާއްވަވާނެކަން ހަސަން ލަތީފް ވަނީ ހާމަކުރައްވާފަ އެވެ. އަދި އަހަރީ ދުވަހާ ގުޅުވައިގެން ހިންގާ ހަރަކާތްތައް ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ "ގްރާސް ރޫޓް އަޑު"ގެ ނަމުގައި ފޯން ކޯލްގެ ޒަރިއްޔާއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ އާންމު މެންބަރުންގެ އަޑާއި އެ މެންބަރުން އެކި ކަންކަމުގައި ދެކޭގޮތުގެ ޝުއޫރުފާޅުކުރުމުގެ ހަރަކާތެއް ތިން ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖުލައި މަހު ފަހުކޮޅު ބާއްވާ ހަރަކާތްތަކުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 26 ވަނަ ދުވަހެވެ.

އެމްޑީޕީއަކީ މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތާއާރަފުކުރެވުނު އިރު، އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ އެވެ. އެ ޕާޓީ އުފެދުނީ، 2005 ޖޫން، 26 ގަ އެވެ.