އުމުރުން ސާޅީސް ހަތް އަހަރު ފާހަގަ ކުރަމުން އަންނަ ބޮލީވުޑްގެ ފުއްނާބު އުސް އެއް ބަތަލާ ކަމަށްވާ ކަރިޝްމާ ކަޕޫރުއަކީ ގިނަ ގުނަ އެތައް ހިޓް ފިލްމުތަކެއް މަސައްކަތް ކޮށްފައިވާ ތަރިއެކެވެ.
"ކޫލީ ނަންބަރު 1" އަދި "ދިލް ތޯ ޕާގަލް ހޭ" ފަދަ މަޝްހޫރު އެތައް ފިލްމުތަކުން އޭނާ ވަނީ ފެނިފަ އެވެ. ނަމަވެސް އޭނާއަކީ ބޮލީވުޑްގެ ނަން މަޝްހޫރު އެތަކެއް ފިލްމުތަކެއް ގަބޫލުނުކުރި ނުވަތަ ރިޖެކްޓް ކޮށްފައިވާ ފަންނާނެކެވެ.
އެގޮތުން 1997 ވަނަ އަހަރު ނެރުނު ފިލްމު "އިޝްގު" ގައި ކާޖަލް އާއި ޖޫހީ ޗަވްލާ ވަރުގަދަ ހަދާނީ ރޯލަކުން ފެނިގެން ގޮސްފައިވީ ނަމަވެސް މި ފިލްމުގެ ލީޑުރޯލް ކުޅުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ކަރިޝްމާ ކަޕޫރު އެވެ. މަދޫ ސަކްސޭނާގެ ރޯލް އޭނާ ކުޅުމަށް ހަމަޖެހިފައިވީ ނަަމަވެސް ފަހުން އެބައި ކުޅެފައިވަނީ ޖޫހީ އެވެ.
ޝްރިދޭވީއާ އުރުމީލާ މަޓޮންކަރު 1997 ވަނަ އަހަރު ކުޅުނު ފިލްމު "ޖުދާއި" ގައި ދެއްކި މޮޅު އެކްޓިންއަކީ ފާހަގަކޮށްލެވޭ މީހުންގެ މަގުބޫލުކަން ހޯދި ރޯލްތަކެކެވެ. ނަމަވެސް އުރުމީލާއަކީ މިރޯލްއަށް ޑައިރެކްޓަރުންގެ ފުރަތަމަ ޗޮއިސްއެއް ނޫނެވެ. މި ރޯލް ކަރިޝްމާއަށް ހުށަހެޅުމުން އޭނާ ވަނީ މިކަމަށް ދެކޮޅު ހަދާފަ އެވެ.
ސުޕަހިޓް ފިލްމު "ކުޖް ކުޖް ހޯތާ ހޭ" އަށް ރާނީ މުކަރުޖީ ކާސްޓްކުރުމުގެ ކުރިން ޑައިރެކްޓަރު ކަރަން ޖޯހަރު ބޭނުންވީ ޝާހުރުކު ޚާނާއެކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޓުވިންކަލް ކައްނާ ފެނިގެން ދިއުމަށެވެ. ޓުވިލްކަލް ކައްނާމި ރޯލު ކުޅުމަށް އިންކާރުކުރުން ހައިރާންވެގެން ދިޔައިރު ކަރަން ވަނީ އުރުމީލާ މަޓޮންކަރު، ތަބޫ، ރަވީނާ ޓަންޑަން އަދި ކަރިޝްމާއަށް ވެސް މި ރޯލް ހުށަހަޅައިފަ އެވެ. ކަރިޝްމާ މި ރޯލްއަށް ނޫނެކޭ ބުނި ސަބަބު ވަނީ ނޭގުމެއްގެ ތެރޭގަ އެވެ.
"ދިލް ތޯ ޕާގަލް ހޭ" ގެ ޑައިރެކްޓަރު ދީޕަކް ސިވްދަސާނީ ބޭނުންވީ މަދޫރީ އާ ކަރިޝްމާގެ ޖޯޑު އަލުން 2001 ވަނަ އަހަރުގެ ފިލްމު "ޔެ ރާސްތެ ހެ ޕުޔާރު ކެ" އިން ދައްކާލުމަށެވެ. ދީޕަކް ބުނެފައި ވަނީ އޭނާ ކަރިޝްމާއަށް ރޯލް ހުށަހެޅުމުން އޭނާ އެ ރޯލްކުޅުމަށް އާއެކޭ ބުނި ކަމަށާއި ނަމަވެސް ފަހުން ކަރިޝްމާ ކައިވެނިކުރަން ބޭނުންވާ ކަމަށް ބުނެ އެ ރޯލް ކުޅުމަށް އިންކާރުކޮށް، ފިލްމުން ވަކިވީ ކަމަށެވެ. އެންމެފަހުން އެ ރޯލް ކުޅެފައި ވަނީ ޕްރިތީ ޒިންތާ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި ޝާޚުުރުކް ޚާން ފިލްމު އަޝޯކާގެ މުހިއްމު ރޯލެއް ކަމަށްވާ ކުވަރުވަކީ ގެ ރޯލަށް ނަގަން ބޭނުންވީ އައިޝްވާރިޔާ ރާއި ބަޗަން އެވެ. ނަމަވެސް ފިލްމު ހެދި ފަރާތުން އާ ޖޯޑެއް ދެއްކުމަށް ބޭނުންވާތީ ކަރިޝްމާއަށް މި ރޯލް ހުށަހެޅި އެވެ. ކަރިޝްމާ މި ރޯލް އިންކާރު ކުރިއިރު، މި ރޯލް ކުޅެން ލިިބިފައިވަނީ އޭނާގެ ކޮއްކޮ ކަރީނާއަށެވެ.