ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލާ ދެކޮޅަށް ތެދުވުމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޮތްއިރު، އެ ކޮމިޓީން މަސައްކަތް ކުރަނީ އަންނަ ހޯމަ ދުވަހުގެ ކުރިން ކޮމިޓީ މަރުހަލާގައި ބިލުގެ މަސައްކަތް ނިންމާލުމަށެވެ.

އެ ބިލާ ދެކޮޅަށް އިސްލާމް ދީން ހިމާޔަށްކުރުމަށް ތެދުވުމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ގޮވާލެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.

މީގެ އިތުރަށް ޑރ. ޖަމީލް ވިދާޅުވީ މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެ ކުށަށް އަދަބު ދެވޭ ކަމަށެވެ. އެކަމަކު އިސްލާމްކަން ދޫކޮށް، ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތައް ނަފުރަތުގެ ބިލުން ހިމާޔަތް ކުރެވޭ ކަމަށެވެ.

"މުރުތައްދުވުމުން މުސްލިމުންގެ ތެރޭގައި އެކުށަށް އަދަބުދެވޭނެ. ނަފްރަތުގެ ބިލުން ރައްޔިތުކަން ދޫކޮށްލާ މީހުންގެ އަމަލުތަކާއި އަދި ބޭރު މީހުން ވަޒަންވެރިވެ ތިބެ ދީނާއި ދެކޮޅަށް ހިންގާ އަމަލުތައް ވެސް ޙިމާޔަތްކުރޭ. އިސްލާމްދީނުގެ ދިފާއުގައި ބިލާދެކޮޅަށް ތެދުވަންޖެހޭ،" ޑރ. ޖަމީލުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މި ބިލަށް އިސްލާމިކް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ އިސްލާހު ފޮނުވާފައި އެވެ. މިހާތަނަށް އެ ކޮމިޓިއަށް ހިޔާލު ފޮނުވާފައި ނުވަނީ ޕީޖީ އޮފީހުންނެވެ.

މި ބިލު މަޖިލީހަށް ހުށަހެޅީންސުރެ ދީނީ އިލްމުވެރިންނާއި ގިނަ އާންމުން ދަނީ ބިލާއި ދެކޮޅު ހަދަމުންނެވެ. އެ ފަރާތްތަކުން ބުނަމުންދަނީ ބިލުގެ ސަބަބުން އިސްލާހު ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްވެ ކީރިތި ރަސޫލާއަށް ފުރައްސާކޮށް އިސްލާމް ދީނަށް ފުރައްސާ ކުރުމުގެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ.