މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ރަނގަޅުވެފައިވާތީ ލަސްނުކޮށް ޖަމާއަތުގައި ނަމާދުކުރަން ފެށުމަކީ އެންމެ ރަނޅު ގޮތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް ހާލަތާއި ގުޅިގެން މިސްކިތްތައް ބަންދުކޮށް، ޖަމާއަތުގައި ނަމާދުކުރުން ވަނީ މަނާ ކޮށްފަ އެވެ. އަލުން ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީއިން އަންނަނީ މަޝްވަރާތައް ކުރަމުން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ކުރީގެ މިނިސްޓަރު ޝަހީމް މިއަދު ކުރެއްވި ޓުވީޓްގައި ބުނެފައިވަނި ގިނަ ދުވަސް ވަންދެން މިސްކިތްތައް ބަންދުކޮށް ޖަމާއަތް މެދުކަނޑާލާފަ ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ލަސްނުކޮށް ޖަމާއަތުގައި ނަމާދުކުރަން ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާތް ﷲ ގެ ރަހުމަތް ފުޅުން މިވަގުތު މާލޭގެ ހާލަތު ރަނގަޅު ވަމުން ދިއުމާއިއެކު އެންމެ ރަނގަޅު ގޮތަކީ ލަސްނުކޮށް މިސްކިތްތަކުގެ ޖަމާއަތް ފެށުން ކަމަށް ދެކެވަޑައިގަންނަވާ،" އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަންވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވި އެވެ.

މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް ނަމަވެސް މާލެ އާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކުގައި މިދިޔަ ހުކުރު ދުވަހު ވަނީ ޚުތުބާ ކިޔައި ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އެންގުމާ ޚިލާފަށް ޖަމާއަތުގައި ހުކުރުނަމާދު ކުރި ނަމަވެސް އެކަމާމެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.