މާލެ ސަރަހައްދު ވައިފައިކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މުޅި މާލެ ސަރަހައްދު ވައިފައި ކުރުމުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެންމެ ފުރަތަމަ ވައިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މާލެ ސިޓީ ކަމަށެވެ. އެގޮތުން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ އުރީދޫއާއި ދިރާގާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި އަންނަ ހަފުތާގައި އެ ދެ ކުންފުނިން މި މަޝްރޫޢާ ގުޅޭ ހުށަހެޅުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަކާއި، އާންމު މައިދާންތަކާއި، ޕަބްލިކް ސްޕޭސްތައް ވަކި ލިމިޓަކާ ހަމައަށް ފްރީ އެކްސެސް ވައިފައިގެ ހިދުމަތް ލިބޭނެ ގޮތަށް މާލޭ ސިޓީ ބަދަލުކުރުން އެއީ އަމާޒެއް ކަމަށެވެ.

މާލޭގައި ވައިފައި ވިއުގައެއް ޤާއިމުކުރުމަކީ އަލަށް އިންތިޚާބުވި ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަމަށެވެ.

މާލެ ސަރަހައްދުގައި ވައިފައި ވިއުގައެއް ޤާއިމުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާއިރު، މާދަމާއިން ފެށިގެން އިންޓަނެޓުގެ އަގު 30 އިންސައްތަ ހެޔޮކުރުމަށް ސަރުކާރުންވަނީ ނިންމައި އިއުލާނުކޮށްފަ އެވެ.