މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅޭ ހާލަތު ދެނެގަތުމަށް ހައުސިން ސާވޭއެއް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކްލަބު ހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ގެދޮރިވެރިކަން ހާސިލްކުރުމުގެ އަމާޒު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ދެނެގަތުމަށްޓަކައި ކޮވިޑް ހާލަތު ރަނގަޅުވުމުން ކައުސިލުން ސާވޭއެއްކުރަން ނިންމާފައިވާ ކަމަށެވެ.

މިސާވޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގައި ފްލެޓް ލިބެންޖެހޭ މީހުން ދެނެގަތުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެން މާލޭގައި ރައްޔިތުން ދިރިއުޅޭ ގޮތުގެ ހައުސިންގް ސާވޭއެއް ވަރަށް ތަފްސީލުކޮށް ކޮންމެ ގެއަކުން މައުލޫމާތު އެއްކޮށް (ކޮވިޑްގެ ހާލަތު ރަނގަޅު ވީހާ އަވަހަކަށް) އަޅުގަނޑުމެންގެ ދިރާސާ މައުލޫމާތުއެއް ކުރަން ފަށާނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިޕްރޮގއރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ރައީސް ސޯލިހާ މަސްވަރާ ކޮށްފައިވާ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާ މަޝްރޫޢުގެ ދަށުން ތަރައްގީކުރި ފްލެޓުތަކުގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއާ ވާހަކަ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި އެދެވޭ ހައްލެއް އަދިވެސް އައިސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ކުލިތަކާއި ގުޅިގެން އެޗްޑީސީ އަދި ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ އަގުތަކާ ގުޅޭ ގޮތުން ތަފްސީލީ ރިޕޯޓެއް ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މި ރިޕޯޓް ހައުސިން މިނިސްޓްރީ އާއި ރައީސް އޮފީހަށް ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ކްލަބް ހައުސްގައި މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުމުގެ ދެ ވަނަ ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ ރޭ އޮންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

އެބައްދަލުވުމުގައި އަލިއަޅުވާލާނީ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލާ ސިޓީއަކަށް މާލެ ސިޓީ ހެދުން" އެވެ.