ހަރުކަށި ވަނީ ހަމައެކަނި އިލްމުވެރިން ކަމުގައި ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓު ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ސޯޝަލް މީޑިއާގައި އަންހެނުން ޚިތާނަކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެން މަގާމުން ވަކިކުރި މައްސަލައަށް އިޝާރާތްކުރައްވައި، ކުރީގެ ނައިބު ރައީސް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ފިޔަވަޅު އަޅަންވީމާ ލަހެއްފަހެއް ނެތި ފިޔަވަޅު އެޅޭކަން އެކަމުން އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ހަރުކަށި ވަނީ ހަމައެކަނި އިލްމުވެރިން ކަމުގައި ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުންދަނީ ކޮންމެ ދުވަހަކު ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެންގެ މީހުންނާއި އެ ޖަމާއަތުގެ ފިކުރަށް ޖާގަ ދެމުން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ މައި ދެ ޔުނިވާސިޓީ ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި ގައުމީ ޔުނިވާސިޓިގައި އިސްލާމީ މައްސަލަތަކުގައި އިލްމީ ގޮތެއްގައި ބަހުސްކުރަން ޖާގަ ނުދިނުމަށް ވެރިކަން ކުރާ އެމްޑީޕީން ގަދައަށް ހިފާފައިވާ ކަމަށެވެ.

މިހާރު ސަރުކާރުގެ ދެ ޔުނިވާސިޓީގައި ވެސް މިހާރު ތިއްބެވި އިސްވެރިންނަކީ ސަރުކާރުގެ ގޮނޑިކޮއްކޮ ބައެއް ކަމަށް ޑރ. ޖަމީލު އިތުރަށް ތުހުމަތުކުރެއްވި އެވެ.

އިޔާޒު މަގާމުން ވަކިކުރުމުން ކޯލިޝަން ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީއިން ވަނީ އެކަން ކުއްވެރި ކުރައްވާފަ އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން ވެސް ވަނީ އިޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.

އަދި މިއީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދިން ހިޔާލު ފާލުކުރުމަށް ހުރަސް ސަރުކާރުން އަޅާ ކަމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.