ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން މަދުން އާމްދަނީ ލިބޭ ފަރާތަކަށް ސަބްސިޑީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުނެފި އެވެ.

ހިޔާ ޔޫނިއަންއިން ވަނީ ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީ ހިމެނޭ ގޮތަށް ހިޔާ ފްލެޓްތަކާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ މެދުގައި މަޝްވަރާކޮށްފަ އެވެ.

މިމަޝްވަރާތަކަށް ފަހު ހިޔާ ޔޫނިއަން އިން ބުނެފައި ވަނީ މަދުން އާމްދަނީ ލިބޭ މީހުންނަށް ދައުލަތުން ސަބްސިޑީ ހަމަޖައްސައި، ކުލި ކުޑަކޮށްދޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ކަމަށެވެ. އަދި ފްލެޓްތަކުން ކުނި އުކޭނެ ނިޒާމަކަށް ޔޫނިއަންއިން އެދިފައިވާ ގޮތަށް ގާބޭޗް ޝޫޓް ގާއިމުކުރުމަށް އެކަން ކުރެވެން އޮތް ގޮތެއް ހޯދައި ގާބޭޗް ޝޫޓް ގާއިމުކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެޗްޑީސީއަށް އަންގަވާފައިވާ ކަމަށް ވެސް ޔޫނިއަން އިން ބުންޏެވެ.

މިހާރު ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ދީފައިވާ ފިނިޝިންގެ މަސައްކަތް ތިން މަސްދުވަހު ތެރޭގައި ނުނިމޭނެ ފަރާތްތަކަށް އިތުރު މުއްދަތު ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.

ހިޔާ ފްލެޓް ޔޫނިއަން އާއި ހައުސިން މިނިސްޓަރު އަސްލަމް އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މީގެ އިތުރުން ހިޔާ ޔޫނިއަނުން ބުނީ ބޭންކް އޮފް މޯލްޑިވްސް އަދި އެޗްޑީއެފްސީ މެދުވެރިކޮށް ޕެންޝަންފަންޑުން ކޮލަޓްރައިޒްކޮށް 15 އަހަރަށް ބަހާލެވޭ ގޮތަށް އިންޓީރިއާ ފިނިޝިންއަށް ބޭނުންވާ ލޯން ހަމަޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަސްލަމް ދެއްވާފައިވާ ކަމަށެވެ. އަދި އެންސްޕާ މެދުވެރިކޮށް ސޯޝަލް ހައުސިންނަށް ސަބްސިޑީ ލިބޭނެކަމުގެ ޔަގީން ލިބިފައިވާ ކަމަށް ޔޫނިއަނުން ބުނެ އެވެ.

ހިޔާ ފްލެޓްގެ ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ޓަވަރެއް ވަކިން ކަމަށާއި ކޮންމެ ދުވަހަކު 300 އެގްރިމަންޓްގައި ސޮއި ކުރެވޭނެކަމުގެ ޔަގީންކަން އެޗްޑީސީން ދީފައިވާ ކަމަށް ޔޫނިއަން އިން ބުންޏެވެ. އަދި ހިޔާ ފްލެޓާ ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް ހުރި ކަންކަމުގައި މަޝްވަރާ ކުރުމަށް ކޮންމެ އިދާރާއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާފައިވާ ކަމަށް ވެސް ޔޫނިއަން އިން ބުންޏެވެ.