ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި، އެ މެމްބަރުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މެމްބަރުންނާއި އެ މެމްބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް އެއް އަހަރަށް އިންޝުއަރެންސް ހިދުމަތް ފޯރުވައިދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި މިއަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ބޭނުންވާއިރު އެފަރާތްތަކީ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުވައިދޭނެ ފަރާތަކަށްވާންޖެހޭކަމަށް އިއުލާންގައިވެ އެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ 9:30 ކުރިން އެކަމަށް އެދި އަންދާސީ ހިސާބު އެކޮމިޝަނަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި މަޢުލޫމާތު ފުރިމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެކަމަށް އިއުލާންގައިިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދާއިރު، ކުރީގެ އޮތް ކޮމިޝަން ކަމުނުގޮސްގެން އަލަށް ގެނައި ކޮމިޝަނުންވެސް މީޑިއާތަކުގައި ދިފާއުގަޔާއި، ކުރިއެރުމަށް މާ ގިނަ މަސައްކަތްތަކެއް ކުރިތަނެއް ފެނިގެންގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މުސާރައާއި އިނާޔަތް ނެންގެވުުމުގައި ތިއްބެވި މެމްބަރުންތަކެއްގެ ގޮތުގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ވަނީ ފާހަގަވެފަ އެވެ.

މީޑިއާގެ ދިފާއުގައި އެއްވެސް ބަޔާނެއް ނެރެފައިނުވާއިރު ކޮމިޝަނުގެ އަޑެއްވެސް ނީވެ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައްވެސް ކޮމިޝަނަންވެސް ވަނީ އަމާޒުވެފަ އެވެ.