ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރައްޔިތުން ކަނޑައަޅާފައިވާ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެން ރާއްޖޭގެ ވެރިކަމަކަން ނާދެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދާވާ ޕްރޮގުރާމެއް ކަމަށްވާ "އާސްކް ސްޕީކާ"ގެ ތިން ވަނަ ޕްރޮގުރާމްގައި ރޭ ވާހަކަ ދައްކަވަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށާއި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކޮށްލާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ޑރ.ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ދިވެހި ރައްޔިތުން ވަނީ ވެރިކަމުގެ ނިޒާމް ކަނޑައަޅާފައި ކަމަށާއި، އެފަހަރު ދިވެހިން ރައީސް މުހައްމަދު ނަޝީދަށް ބުނީ ނޫނެކޭ ކަމަށެވެ.

ކޮންމެ ފަހަރަކު ޕާޓީގެ ކުދިންކޮޅު ޗާޖުކޮށްލަށްވެގެން ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކަތަކަކީ ބާވެފައިވާ ވާހަކަތަކެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. ޖަމީލުގެ ޓުވީޓްގައި ވަނީ ކުރީގެ ރައީސް ނަޝީދު މީހެއްގެ ކޮނޑަށް އަރާވަޑައިގެން ރަށަކަށް ފައިބާ މަންޒަރެއް ވެސް ހިއްސާ ކުރައްވާފަ އެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.