ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ސަރުކާރާ ދެކޮޅަށް ނިކުމެ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވި މެމްބަރުން ޕާޓީއިން ވަކި ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ނަފްރަތު ބިލަށް ބަހުސް ކުރަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. އަދި އެ ބިލަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލަން ސަރުކާރުން ހުށައެޅި ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރުންވެސް ވަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ވާހަކަ ދައްކަވާފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ސަރުކާރާއި ދެކޮޅަށް ތެދުވެ، ރައީސްގެ އިސްތިއުފާއަށް ގޮވައި ޕާޓީގެ އުސޫލުތަކާއި ޚިލާފުވާ މެމްބަރުން ވަގުތުން ޕާޓީން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީން މީގެ ކުރިން އަމަލު ކުރަމުން އައީ އެ އުސޫލުން ކަމަށް މޫސަ ވިދާޅުވި އެވެ.

"މިކަން ނުކޮށްފިނަމަ އިންސާފާއި ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވެދާނެ،" އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ޓެގްކުރައްވައި މޫސަ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނު ހުސައިން ހުށަހެޅި "ނަފްރަތް" ބިލު މިހާރުވަނީ އަލުން ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުއްވާފަ އެވެ. މިބިލު ހުށަހެޅުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ހިސާނު އަށް އަމާޒުވުނުން ހިސާނު ސަރުކާރުން ދިފާއުކޮށް ވާހަކަ ނުދައްކާތީ އެކަމާވެސް އެމްޑީޕީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.