މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރިގެ މައްސަލައަށް ހައްލެއް ނުހޯދައިދީ ހުޅުމާލެއިން ބިން ވިއްކަން ފެށުމުން މާލެގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްޑީސީން ހުޅުމާލެއިން ބިން ވިއްކަން ފެށި ހަބަރު ހިއްސާ ކުރައްވަމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގެދޮރު ކަށަވަރުކޮށްނުދީ، ހުޅުމާލެއިން މުއްސަދިންނަށް ބިން ވިއްކަން ފެށުމަކީ ދެރަކަމެއް ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން ފަށައި، އަކަފޫޓެއް 4،800ރ. ރޭޓުން ވިއްކަން ހުޅުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފަ އެވެ.

އެޗްޑީސީގެ ބޯޑު މެމްބަރަކު "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އަލުން ބިން ވިއްކަން މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ވިއްކަން ހުޅުވާލާނީ 1،500 އާއި 2،000 އަކަފޫޓުގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބޯޑު މެމްބަރު ވިދާޅުވީ މިފަހަރު ބިން ވިއްކަން ހަމަޖައްސާފައި ވަނީ އަކަފޫޓެއް 4،800ރ. ރޭޓުން ކަމަށެވެ. މިފަހަރު ވެސް އަތިރި މައްޗާއި އަތިރިމައްޗާ ކައިރިން 60 ވަރަކަށް ބިން ވިއްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަހަރު ބިން ވިއްކަން ފަށާ އަގު ކަނޑައަޅާފައި ވަނީ ކުރީ ފަހަރު ކުރިމަތިލި އަގުތަކަށް ބަލާފައި އޭގެ މެދު މިންވަރަކަށް. ކުރީ ފަހަރު ވެސް އަކަފޫޓަކަށް ހަހާސް ރުފިޔާ ވެސް ހުށަހަޅާފައި ހުރި،" އެ ބޯޑު މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއިން ބިން ވިއްކަން ނިންމީ ގިނަ ބަޔަކު ބިން ގަތުމަށް އެދި އެ ކުންފުންޏަށް އެކި ފަހަރުމަތިން ހުށަހަޅާފައިވާތީ ކަމަށެވެ. އެގޮތުން 1،000 އަށް ވުރެ ގިނަ ފަރާތުން ބިން ގަންނަން ލިޔުމުން އެދިފައިވާ ކަމަށް ވެސް ބޯޑު މެމްބަރު ވިދާޅުވި އެވެ.

"ބައެއް މީހުން އެބަހުރި ހުށަހަޅާފައި ނުވަދިހަ ދުވަހުގެ ތެރޭގައި އެއް ފަހަރާ ފައިސާ ދައްކާ ގޮތަށް. އެހެންވީމަ ބިން ވިއްކަން އަލުން ހުޅުވާނުލަންވީ ސަބަބެއް ނެތެއް ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޑު މެމްބަރު ވިދާޅުވީ ހުޅުމާލެއިން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީން ވަރަށް އަވަހަށް އާއްމުކޮށް ހުޅުވާލާނެ ކަމަށެވެ.

ހުޅުމާލެ އިން ބިން ވިއްކަން އެޗްޑީސީން ނިންމިއިރު، އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުން ފައިސާ ހޯދަން އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަކަން އެނގިފައިވެ އެވެ.