މާލެއާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމުގެ ތާރީޚީ މަސައްކަތް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފި އެވެ.
ސްޓެލްކޯއިން ބުނީ މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ހުޅުމާލެ އާއި މާލެ ކަރަންޓް ވިއުގަ ގުޅާލުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މިމަސައްކަތް ނިންމާލުމުގެ ގޮތުން ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމުގެ މަސައްކަތް މިހާރު ކޮށް ނިމިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މާލެ- ހުޅުމާލެ އަދި ހުޅުލެ ނެޓްވޯކަކުން ތިން ރަށުގެ ކަރަންޓު ގުޅާލީ ބްރިޖާއި ހައިވޭ މެދުވެރިކޮށް އެޅި އިންޓަކަނެކްޝަން ކޭބަލްއަކުންނެވެ. މި ކޭބަލްއަކީ 100 މެގަވޮޓްގެ ކަރަންޓު ދެވޭނެ ނެޓްވޯކް ކޭބަލްއެކެވެ.
ކުރީގެ ސަރުކާރުން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދަ ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެން ލިބިގެންދާނެ އެވެ.
އަދި މާލެއާއި ހުޅުމާލެއާއި ހުޅުލެ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމުން ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުން ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ސްޓެލްކޯއިން ބުނީ އަންނަ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އެނެލިސިސްއެއް ހެދުމަށްފަހު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ހައްލުކުރެވޭނެ ކަމަށެވެ. އަދި އެއަށްފަހު މިވިއުގަ ބޭނުންކުރަން ފެށޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ހުޅުމާލެ ހައުސްގައި 95 އެމްވީއޭގެ އެއް ޓްރާންސްފޯމަރު އަދި ހުޅުލޭގައި 8 އެމްވީއޭ ޓްރާންސްފޯމަރެއް ބަހައްޓާފައިވެ އެވެ.
45 މިލިއަން ޑޮލަރުގެ މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ކުންފުންޏަކުންނެވެ.