ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް "މަވެސް ޕީޕީއެމް" ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީގެ އަންހެނުންގެ ޓީމުން ކުރިއަށްގެންދާ މިކެމްޕޭނަކީ އެޕާޓީއަށް ދިހަ ހާސް މެމްބަރުން ހަމަކުރުމަށްޓަކައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ކަމަށެވެ.

"މަވެސް ޕީޕީއެމް" ނަމުގައި ކުރިއަށް ގެންދާ ކެމްޕޭން އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، މިޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށާއި، އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް އެ ޕާޓީގެ އޮފިޝަލުން ޒިޔާރަތްކުރާނެ ކަމަށެވެ.

މިހަރަކާތުގެ ސަބަބުން ޕީޕީއެމްގެ ސިޔާސީ ހަރަކާތް އިތުރަށް ފޯރިޔާއެކު ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ރިޔާސަތަށް ގެނައުމަށްޓަކައި ކުރާ މަސައްކަތްތަކަށް މި ހަރަކާތުގެ ސަބަބުން އިތުރު ފޯރިއަކާއި ޖޯޝެއް ގެނުވާނެ ކަމަށް ހީނާ ފާހަގަ ކުރެއްވި އެވެ.