ދިވެހިންގެ ބުރަ މަސައްކަތުން ގައުމު ބިނާކުރީ މިހާރު އޮތް ހާލަތަށް ރާއްޖެ ވައްޓާލަން ނޫން ކަމަށާއި ދިވެހި ގައުމުގެ ކަންކަމުގައި ބަސްބުނަން ޖެހޭނީ ދިވެހިން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެ ތަން ވެގެން ދާނީ މި ސަރަހައްދުގެ ހަބަކަށް ކަމަށް އިންޑިއާ އިން ބުނި ހަބަރު ރިޕޯޓްކޮށް ގެނެސްދީފައިވާ ހަބަރަކާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.
ސައީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރާއްޖެއިން ނަގަންވީ ލޯނުގެ އަދަދާއި ތަސައްރު ވެސް ބުނެދޭ ހިސާބަށް އެމްބަސީތައް ދަނީ ސަރުކާރުން އެ ފުރުސަތު ދޭތީ ކަމަށާ އެއީ ރާއްޖެއަށްކުރާ ބޮޑު މަލާމާތެއް ކަމަށެވެ.
އިންޑިއާ އެންބަސީން ރާއްޖޭގެ ތަރައްގީގެ މަޝްހޫރުތައް އިއުލާންކުރަނީ އެކަމަށް ސަރުކާރުން ފުރުސަތުދޭތީ ކަމަށް ވެސް ސައީދު ތުހުމަތު ކުރެއްވި އެވެ.
"ރާއްޖެ ނަގަންވީ ލޯނުގެ އަދަދާއި ތަސައްވުރު [އިންޑިއާ އެންބަސީން] ބުނެދޭ ހިސާބަށް މި ދަނީ ސަރުކާރުން އެ ފުރުސަތު ދޭތީ. މިއީ ރާއްޖެއަށް ކުރާ ބޮޑު މަލާމާތެއް،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެންބަސީއިން ދިވެހި ބަހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލްގެ ފެންވަރު އެތައް ގުނައަކުން ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި އެ އެއާޕޯޓް ވެގެންދާނީ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ރިޖަނަލް ހަބަކަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ލޯނެއް ތެރެއިންނެވެ. މީގެ ތެރެއިން 17 މިލިއަން ޑޮލަރު އެއާޕޯޓަށް ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތައް ސަރުކާރުން އިއުލާނު ކުރުމުގެ ކުރިން އިންޑިއާ އެންބަސީން އަބަދުވެސް އަންނަނީ އިއުލާނު ކުރަމުންނެވެ. ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރާއި އިންޑިއާ މެދުގައި އަޑި ނޭނގޭ އެތަކެއް ގުޅުންތަކެއް އޮންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ބޭރު ގައުމަކަށް ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތައް ރާވައި ހިންގުމުގެ ދައުރެއް ލިބިގެން އުޅޭ ކަހަލަ އިހުސާސެއް ވަނީ ކުރެވެން ފަށާފަ އެވެ. މިމައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.
ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދިވެހި ސަރުކާރަށް މިހާރު އިންޑިއާ ބުނާ ކޮންމެ ކަމެއް ކުރަން މަޖުބޫރެވެ. އަދި ރާއްޖެއަކީ އިންޑިއާގެ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ސްޓޭޓަކަށް ވެފައިވާ ކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް ކަންހިނގަމުންދާ ގޮތަށް ނަޒަރު ހިންގާލާއިރު މިހާރު އެކަން އެއީ ތެދުކަމަށް ގަބޫލުކުރާ ހިސާބަށް ހިނގައްޖެއޭ ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
ރަސްމީކޮށް މިއީ އިންޑިއާގެ ސްޓޭޓެއް ކަމަށް އިއުލާން ނުކުރި ނަމަވެސް، އިންޑިއާ އިން އަމަލުކުރަމުންދާ ގޮތުން ރާއްޖެއިން މިހާރު އިންޑިއާގެ ސްޓޭޓެއްގެ ސިފަ އެބަ ފެނެ އެވެ.