ރައްޔިތުންގެ ތާއީދާ ލޯބި ލިބެނީ ވަކި މީހަކަށް ވީމާ ނޫން ކަމަށާއި ރައްޔިތުންގެ ތާއީދު ލިބެނީ އެ މީހަކު ގެންގުޅޭ ތަސައްވަރަށް ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ނުސީދާ ބަހުގެ ހަމަލައެއް ދެއްވައިފި އެވެ.

ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. އަދި ރައީސް ނަޝީދު ޕީޕީއެމް އާއި ކުރީގެ ރައީސް ޔާމީންގެ އެހީތެރިކަން ހޯދަން ޖެހިދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހަށް ތައުރީފުކުރައްވައި މިނިސްޓަރު މައުސޫމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައްޔިތުން އަތްޖަހާނީ މީހާއަށް ނޫން ކަމަށާއި، އެ މީހާ ގެންގުޅޭ މެނިފެސްޓޯއަށް ކަމަށެވެ.

"ރައީސް ސޯލިހުގެ ހުރިހާ ފޯކަސްއެއް އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދުފުއްދަން ހުރުމުން ދޭހަވަނީ އެމަނިކުފާނަކީ ޑިމޮކްރަސީ ރަނގަޅަށް ފަހުމުވެލައްވާ، ޑިމޮކްރަސީއާ ރައްޓެހި ލީޑަރެއްކަން،" ޖުމްހޫރީ ޕާޓީގެ ސޮލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާ ޑރ. މައުސޫމް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވަން ބާކީ ދެ އަހަރާ ދެ މަސް އެބައޮތް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހާ، ބޯކޮށްތިލަވާން ފެށުމަކީ 2023ގެ ރިޔާސީ އީދުގެ ފޯރީގެ ކޮޅުމަތި ކަމަށް ވެސް ޑރ. މައުސޫމް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިޙާއެކު ދެން ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެކަމަށް ސަމާލުކަމެއް ދެއްވުމެއްނެތި ރައީސް ޞާލިޙްގެ ފަރާތްޕުޅުން ރައީސްއޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވެފައިވަނީ، ރައީސްގެ ހުރިހާ ވިސްނުން ފުޅެއްވެސް މިވަގުތު ހުރީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން." ރަައީސް ނަޝީދުގެ މެސެޖްގައިވެ އެވެ.

އެމްޑީޕީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ރައީސް ސޯލިހު އަށާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ، މަޖިލިސް ގިނަ މެމްބަރުންނާއި ގިނަ މިނިސްޓަރުން ތިއްބެވީ ރައީސް ސޯލިހުއާއެކު އެވެ. ނަޝީދާ އެކު ތިއްބެވީ ވަރަށް މަދު ބައެކެވެ.

ރައީސް ސޯލިހު އާއި ނަޝީދާއި ދެމެދު ޖެހިފައިވާ މައްސަލައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ބޮޑު ވަޒީރުކަމަށް އަންނާށެވެ. އެކަން ނަޝީދު ވަނީ ރައީސް ސޯލިހުއަށް ވެސް ދަންނަވައިފަ އެވެ. އަދި ވަރަށް ފަހުން ވަނީ ވެރިކަމުގެ ނިޒާމު 2023 ވަނަ އަހަރު ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް ވަނީ އަމާޒުވެފަ އެވެ.