އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެހީތެރިކަން ހޯދަން ޖެހިދާނެ ކަމަށް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ދެން ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ އެހީއަށް އެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ރޮޒައިނާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ބޭނުން ނުވާކަމަށެވެ. އަދި އޭނާ އެމްޑީޕީއަށް ވަނީ ވެސް ރައީސް ޔާމީންގެ ވެރިކަން ދާނެ ގޮތް އެނގި ވަޑައިގެން، އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިއަދު ރައީސް ސޯލިހާއި ދެކޮޅަށް ޔާމީންއާ ބައިވެރިވާންވީ ކީއްކުރަންތޯ؟ ޔާމީނަށް ކާކަށް އިންސާފު ހޯދާ ދެވިގެންތޯ؟" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހު ގޯސް ނޫން ކަމަށާއި އެމަނިކުފާނު އަނިޔާވެރި ނުވެ، ވައްކަން ވެސް ނުކުރައްވާ ކަމަށެވެ.

"ހަރުކަށި ފިކުރާ އެއްކޮޅަށް ކީއްތޯ ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ؟ ކޮބާތޯ މައްސަލައަކީ" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް އޮތްކަން މީގެކުރިން ވެސް ވަނީ ހާމަވެގެން ގޮސްފަ އެވެ. އެ ޕާޓީގެ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ރައީސް ސޯލިހު އަށާއި ނަޝީދަށް ތާއިދު ކުރައްވާ ފެކްޝަނެވެ، މަޖިލިސް ގިނަ މެމްބަރުންނާއި ގިނަ މިނިސްޓަރުން ތިއްބެވީ ރައީސް ސޯލިހުއާއެކު އެވެ. ނަޝީދާ އެކު ތިއްބެވީ ވަރަށް މަދު ބައެކެވެ.

ރައީސް ސޯލިހު އާއި ނަޝީދާ ދެމެދު ޖެހިފައިވާ މައްސަލައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ.

ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްގެން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާށެވެ. އެކަން ނަޝީދު ވަނީ ރައީސް ސޯލިހުއަށް ވެސް ދަންނަވައިފަ އެވެ. އަދި ވަރަށް ފަހުން ވެސް ވަނީ ވެރިކަމުގެ ނިޒާމު 2023 ވަނަ އަހަރު ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ނަޝީދަށް ވަނީ އަމާޒުވެފަ އެވެ.

ރައީސް ސޯލިހުގެ ދިފާއުގައި މަޖިލިސް މެމްބަރުންނާއި މިނިސްޓަރުގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކުން ވާހަކަ ދައްކަވާއިރު ކުރީގެ ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ އެއްވެސް އިސް ފަރާތްތަކުން ބަހެއް ބުނެފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.