ފުވައްމުލަކު ހޮސްޕިޓަލްގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ފަރާތުން މާބަނޑު މީހުންނަށާއި ކުދިންގެ ފުރާނައަށް ގެއްލުންވާ ފަދަ ކަންކަން ފެންމަތިވަމުން ދާތީ އެ ޑޮކްޓަރު މަސައްކަތުން އެކަހެރި ކޮށްދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރަށުގެ ހޮސްޕިޓަލްގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ކިބައިން އިހުމާލުގެ ބޮޑެތި މައްސަލަތަކެއް ފާހަގަވަމުންދާތީ އެ މައްސަލަތައް ބަލައި އެ ޑޮކްޓަރާ މެދު ފިޔަވަޅު އަޅައިދިނުމަށް ހެލްތް މިނިސްޓްރީ އަށާއި ހޮސްޕިޓަލުގައި އެދިފައިވާނެ ކަމަށެވެ. އަދި މިހާރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ބަދަލުގައި އެހެން ޑޮކްޓަރެއް ހަމަޖައްސައިދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

އެ ޑޮކްޓަރާ މެދު ފިޔަވަޅު އަޅައިދިނުމަށް ކައުންސިލުން އެދުނުއިރު ޒުވާން އަންހެނެއްގެ ސިޒޭރިއަނެއް ހެދުމަށްފަހު ބެންޑޭޖު ބަނޑުތެރެއަށް ދޫކޮށްލުމުން ސީރިއަސް މައްސަލަތަކެއް ދާދިފަހުން ފެންމަތިވެފައިވެ އެވެ.

އުމުރުން 25 އަންހެން މީހާގެ އާއިލާގެ މީހަކު "ހުރިހާ" އާ ވާހަކަދައްކަމުން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެ އަންހެން މީހާގެ ބަނޑުތެރެއަށް ބެންޑޭޖް ދޫކޮށްލެވިފައި ވަނީ އެރަށު ހޮސްޕިޓަލުގައި މިދިޔަ އޭޕްރިލް 24 ވަނަ ދުވަހު ސިޒޭރިއަން ހެދުމުގެ ތެރޭގައި ކަމަށެވެ.

އޭނާއަށް އިތުރުވާ ފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

މިދިޔަ މާޗް މަހުން ފެށިގެން ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ އަންހެން ޑޮކްޓަރާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ބުނީ، މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލްގައި ހެދި ސިޒޭރިއަންތަކުގެ ތެރެއިން ތިން އޮޕަރޭޝަނެއްގައި މައްސަލަތަކެއް ނުކުމެ، މާލެއަށް އެ މީހުން ފޮނުވަން ޖެހިފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލްގެ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމުން އެނގުނު ކަމަށެވެ.

"އަދި މިފަދަ ކަންތައްތައް ތަކުރާރުވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި، މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާނެ ފަދަ ކަންތައްތައް ކަމަށް ވާތީ، މި ކަންތައްތަކަށް މި ސިޓީގެ ރައްޔިތުންނަށް ހައްލު ހޯދައިދޭން ކުރަންޖެހޭ ހުރިހާ ކަމެއް މި ކައުންސިލުން ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ. އަދި ހަމައެއާއެކު، މި ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ސިއްހީ ހިދުމަތް އޭގެ އެންމެ މަތީ ދަރަޖަ އަށް ފޯރުކޮށްދިނުމަށް ވެސް ކައުންސިލުން މަސައްކަތް ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ،" ފުވައްމުލަކު ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަޝީމާއި ހެލްތް މިނިސްޓަރުގެ ފަރާތުން ލިބިފައިވާ ކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.