ސައްހަ ނޫން ލިޔެކިޔުންތަކާއެކު ރާއްޖެ އެތެރެވާ އުޅުނު އިންޑިއާގެ 168 މީހަކު ރާއްޖެއިން ޑީޕޯޓް ކޮށްލައިފި އެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް އައި 168 މީހަކު ސައްހަ ނޫން ލިޔެކިޔުތަކާއެކު އައުމުން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
ވަގު ލިޔުންތަކަކާއެކު އެތެރެވާން އުޅުނު މީހުންގެ ތެރޭގައި ބޮމްބޭ އާއި ޑެލްހީ އަދި ކަލްކަތާ އާއި އެހެނިހެން ސަރަހައްދުގެ މީހުންތަކެއް ކަމަށެވެ. އެ މީހުން އަނބުރާ ފޮނުވާލީ ވެސް މުމްބާއީއަށް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އިއްޔެ ރޭ އެ މީހުން ރާއްޖެ އައީ މުމްބާއީ މަގުން ގޯ އެއާގެ ފްލައިޓަކުންނެވެ.
އެ މީހުން ރާއްޖެ އެތެރެވާން އުޅުނީ 14 ދުވަހުގެ ކަރަންޓީނުގައި ތިބުމަށް ފަހު ސައުދީ އަރަބިއްޔާއަށާއި ގަލްފުގެ އެހެން ގައުމުތަކަކަށް ވަޒީފާއަށް ދިއުމަށް ކަމަށް ބުނެފައިވެ އެވެ. މިމަހުގެ 21 ގެ ނިޔަލަށް ގަލްފްގެ އެއްވެސް ގައުމަކަށް ސީދާ އިންޑިއާއިން ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއަށް އެ މީހުން އެތެރެވާ އުޅުނީ ގަލްފުގެ ގައުމުތަކަށް ވަޒީފާ ދިނުމަށް ކަމަށްބުނެ އެޖެންސީއަކުން ދީފައިވާ ހައްސަ ނޫން ލިޔެކިޔުންތަކެއް ހިފައިގެން ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެގޮތުން އެ މީހުންނަށް ހާއްސަ ނޫން ލިޔެކިޔުންތައް ދީފައިވާ އެޖެންސީ ހިންގާ ދެ މީހަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދަށް ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒޒިރުކުރާނެ ކަމަށް އިންޑިއާގެ ފުލުހުން ބުނެފައިވެ އެވެ. އަދި މި ދެ މީހުންގެ މައްޗަށް ވަނީ އޮޅުވާލުމުގެ ދައުވާ އުފުލާފަ އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބުނެފައި ވަނީ ޑީޕޯޓްކޮށްލި މީހުންނަށް ޓްރެވަލް އެޖެންޓުން ދޫކޮށްފައި ވަނީ ފޭކް ރިޓާން ޓިކެޓް ކަމަށެވެ.
އިންޑިއާގެ 168 މީހަކު ރާއްޖެއިން ޑީޕޯޓް ކޮށްލިކަން އެ ގައުމުގެ ނޫހަކުން ބުނެފައިވާއިރު، ފޭކު ބުކިން ހަދައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހަކު އިއްޔެ އަނބުރާ ފޮނުވާލި ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވަނީ ވިދާޅުވެފަ އެވެ.
ހަނަފީ ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ކޮވިޑްގެ ސަބަބުން އިމިގްރޭޝަންގެ އުސޫލުތަކަށް އަންނަ ބަދަލުތައް ހުރިހާ ދަތުރުވެރިން ފުރިހަމައަށް ބެލުމަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ރާއްޖެއިން އިއްޔެ ފޮނުވާލީ ކޮން ގައުމެއްގެ ރައްޔިތުން ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.
ކޮވިޑާ ގުޅިގެން ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިއްޔެ އަކީ ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހުޅުވާލި ދުވަހެ އެވެ.