ބަޣާވާތަކުން ވެރިކަން ވައްޓާލަށް އެއްވެސް ފަރާތްތަކަށް ރައީސް އިބްރާހީމް ސޯލިހު ފުރުސަތު ނުދޭނެ ކަމަށާއި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ވިޔަސް އެފުރުސަތު ނުލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.
ރީކޯ މޫސަ އަތުން ލިޔެފައިވާ ސިޓީއާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަށް ދެވަނަ ފަހަރަށް ލިބިފައިވާ ވެރިކަން އަނެއްކާވެސް ބަޣާވާތްކޮށް ވައްޓާލަން އެއްވެސް މީހަކަށް ފުރުސަތު ނުލިބޭނެކަމަށެވެ. އަދި މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތަށް ބަޣާވާތަކުން ވެރިކަން ވައްޓާލައި ރައީސް ނަޝީދު ހަވަރަށް ދިން އުސޫލުން ރައީސް ސޯލިހު ހަވަރަށް ދިނުމަށް ކުރާ މަސައްކަތަށް ޖާގަ ނުދެވޭނެކަމަށްވެސް މޫސަ ވިދާޅުވި އެވެ.
އެމްޑީޕީ މިހިސާބަށް ގެނުވީ އެތައް ބައެއްގެ ބުރަ މަސައްކަތާއި ދާއޮހޮރުވައި އެތައް ވަގުތެއް އެތައް އަނިޔާއެއް ލިބިގެންކަން ފާހަގަ ކުރައްވަމުން ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީ މިހިސާބަށް ގެނައުމުން އިޚްލާސްތެރި އެންމެން ގުރުބާންކުރި ގޮތަށް އަމިއްލަ ޖާހަށް ޓަކައި ޕާޓީ ގުރުބާންކުރަން ނުކުތީމަ ނަޝީދަށް ސިޓީއެއް ލިޔުނީ ކަމަށެވެ.
"މިއަދު ތި ޕާޓީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް އެމްޑީޕީގެ ވެރިކަން ބަޣާވާތްކޮށް ވައްޓައިލުމުގެ މޭސްތިރިއަކަށް ވެވަޑައިގެން މަނިކުފާނު މަސައްކަތް ކުރުމަކީ ހެޔޮވާވަރު ކަމެއް ނޫނެވެ. މަނިކުފާނުގެ ވެރިކަން ވެއްޓި ދިޔައީ ވެސް ކުރިން ވެރިކަން ކުރި ބައެއްގެ ކަރުބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި ތިޔަ ފަދަ އަނިޔާވެރި މަޅީގައި މަނިކުފާނާއި އެމްޑީޕީގެ އެންމެން ޖެހިގެންނެވެ. މިއަދު އެފަދަ ރޭވުމެއްގާ ވެރިކަމުގެ ދަހިވެތި މަޅީގައި މަނިކުފާނު ތިދަނީ ބަނދެވެމުންނެވެ." މޫސަ ރައީސް ނަޝީދަށް ލިޔުނު ސިޓީގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު ސިޔާސީ ބޭނުމަކަށް ޓަކައި އެމްޑީޕީގެ ހަތުރުން ލާދީނީއޭ ކިތަންމެ ވަރަކަށް ގޮވިޔަސް އީމާންތެރިކަމާއި އަގީދާ ބަލިކަށްޓެއް ނުވާނެ ކަމަށެވެ.
ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި "ނަފްރަތު" ބިލު ފާސްކުރަން ވެރިކަން ކުރާ އެމްޑީޕީގެ ލީޑާޝިޕް ނުދެކޭ ނަމަ، ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު އިނގިރޭސި ބަހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ޕާޓީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑާޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށާއި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުކުރާ ނަމަ، މި ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށެވެ.