ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އަންހެނުންގެ ރޫހުންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ "ނަފްރަތު" ބިލު ފާސްކުރުމަށް ސަރުކާރުން ފަހަތަށް ޖެހެންޔާ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މިހާރު މަސައްކަތް ކުރެއްވެން ނެތް ކމަށްވެސް ކުރީގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ނަފްރަތު" ބިލަކީ ކޮންމެހެންވެސް ފާސްކުރަންޖެހޭ ބިލެއް ކަމަށާއި އެބިލު ފާސްކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮތެއް ނިންމުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލާފަ އެވެ.

ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ދިފާއުކޮށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޒަމާނުއްސުރެއް އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހުށަހެޅި ކަންތައްތަކާއި، އެމްޑީޕީން ގަބޫލުކުރަމުންދާ އަސާސްތައް ސަރުކާރުން ޚިލާފް ވެފައިވާ ކަމަށެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލު ފާސްކުރުމަށްވެސް އަންހެނުންގެ ރޫހުގެ ފަރާތުން ވަނީ ގޮވާލާފަ އެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވެސް މުޖުތަމައުގައި ވަކި ލޭބަލެއް އަޅުވައިގެން ނަފްރަތު އުފެއްދުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށްވެސް އެރޫހުން ވަނީ ބުނެފަ އެވެ.

އެގޮތުން ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް މަރާލާއި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި "ލޭބަލް" ތަކެއް އަޅުވައި، އެމީހުންނާއިމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެފައިވެ އެވެ.

ނަމަވެސް، ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް އަންހެނުންގެ ރޫޙުން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުން ރައީސް ނަޝީދު ދިފާއުކޮށް ބަޔާން ނެރުނުއިރު އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ވެސް ވަނީ ރައީސް ނަޝީދު ދިފާއުކޮށް ބަޔާނެއް ނެރެފަ އެވެ.

ސިޔާސީ ހިޔާލު ތަފާތުވުން ބޮޑުވެ، އެމްޑީޕީ ތެރޭގައި ދެ ޕެކްޝަނެއް އުފެދިފަ އެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންދަނީ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ. ހަމައެގޮތަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ކުރީގެ ރައީސް ނަޝީދަށް އަންނަނީ ފާޑުކިޔަމުންނެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ބެހޭ ގޮތުން ރައީސް ސޯލިހު ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.