އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޒަމާންވީ، ވަރަށް ގާތް ދެ އެކުވެރިންނެވެ. މި ދެ ބޭފުޅުންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ދުވަހަކު އަތުވެދާނެ ކަމަށް އެއްވެސް ބަޔަކު ހިތަށް ނާރާނެ އެވެ. އެއީ ދެ ހަށިގަނޑެއްގައިވާ އެއް ރޫހެއް ފަދަ ދެ ބޭފުޅުންނެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހަކު އެމަނިކުފާނުގެ ބޭފުޅުންގެ "އިބޫ ދޮންބެ" އެވެ. ކުރިން އޮތް އެކުވެރިކަމާއި ގާތް ކަމަށް މިވަނީ ކޮންމެ ވެސް ކަހަލަ "ފަންޏެއް" އަޅާފަ އެވެ.

ސިޔާސީ ގޮތުން ހިޔާލުތަފާތުވެ، ރައީސް ސޯލިހާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު މިވަނީ އިއުލާން ކުރައްވާފަ އެވެ. ކޯލިޝަން ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު މިހާރު ވަނީ ފާޅުގައި ސަރުކާރަށް ކުރާ ތާއީދު އަބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. މިހާރު ރައީސް ނަޝީދު އަންނަނީ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މިކަމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟

އެމްޑީޕީގެ އިސް ދެ ލީޑަރުން މެދުގައި އެންމެ ފުރަތަމަ ސިޔާސީ ހިޔާލުތަފާތުވުން ބޮޑުވެފައިވާ ތަން ފެންނަން ފެށީ، ބަރުލަމާނީ ނިޒާމުގެ ވާހަކަތަކުންނެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެކަމަކު ނިޒާމް ބަދަލުކުރުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ތަކުރާރުކޮށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން، ރައީސް ސޯލިހާ ދެމެދު އެއްވެސް މައްސަލައެއް ނެތް ނަމަވެސް، އެމަނިކުފާނާ އެކު ސިޔާސީ ގޮތުން ދެން ހުންނެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ފާޅުގައި ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެހީތެރިކަމަށް އެދެންޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.

މީގެ އިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އިސްލާމް ދީނާ ގުޅުވައިގެން ނަފްރަތު އުފައްދަން ހުއްޓުވަން ސަރުކާރުން ހުށަހެޅި ބިލާމެދު ފާޑުކިޔުންތައް ބޮޑުވުމުން އެ ބިލު ފާސްކުރަން ސަރުކާރުން ފަހަތު ފަޔަށް ބުރަވި މައްސަލައިގައި ވެސް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކުރައްވައިފަ އެވެ.

"ނަފްރަތު"ބިލު ފާސްކުރުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާ ނަމަ ސަރުކާރަށް ތާއީދު ކުރެވެން ނެތް ކަމަށް ކޯލިޝަން ސަރުކާރުގެ މައި ޕާޓީގެ ލީޑަރު ރައީސް މިހާރު މި ވަނީ އިއުލާނު ކުރައްވާފަ އެވެ. މިއާއެކު ކޯލިޝަން ސަރުކާރާ މެދުގައި ވެސް މި ވަނީ ސުވާލުތަކެއް އުފެދިގެން ގޮސްފަ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް ނެރުނު ދުވަހު ތައުރީފު ކުރެއްވުމަށް ފަހު މިހާރު ރައީސް ނަޝީދު ވަނީ އެ ރިޕޯޓަށް ވިދާޅުވެފަ އެވެ. އަދި ފުލުހުން ހަމަލާ އާއި ގުޅިގެން ކުރަމުން ގެންދާ ތަހުގީގަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދުގެ ނުރަސްމީ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓްގައި ވިދާޅުވެފައި ވަނީ ހައްޔަރުކުރި ފަރާތްތަކުގެ ހަރަކާތްތައް ހުރިނެތްގޮތް ފުލުހުން ބަލާފައި ނުވާކަމަށާއި، އައިއީޑީގައި ބޭނުންކުރި ތަކެތި ހޯދިގޮތެއް ވެސް ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި މުޅި ހަރަކާތަށް ޚަރަދުކުރި ބަޔަކާއި، އެ އައިއީޑީ އުފެއްދިގޮތެއްވެސް ފުލުހުން ހޯދާފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިއަދު ރައީސް ނަޝީދު ވަނީ ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ ސަބަބުން މުސީބާތަކަށް ވެފައިވާ ކަމަށާއި ސްޓެލްކޯއިން ހަކަތަ އިތުރު ކުރުމަށް ކުރަމުންގެންދާ މަސައްކަތަކީ ގަވައިދާ ހިލާފަށް ކުރަމުންގެންދާ މަސައްކަތެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކޯލިޝަން ސަރުކާރުގެ މައި ޕާޓީގެ އިސް ދެ ލީޑަރުންގެ ތަޅާފޮޅުމުގެ އަސަރު މިހާރު ޕާޓީގެ ތެރެއިން ފެންނަމުންދާއިރު މި ފިލްމުގެ ނިންމުން އަންނާނެ ގޮތަކާމެދުގައި ވަނީ ސުވާލު އުފެދިފަ އެވެ. ކުރީގެ ރައީސް ނަޝީދު މިހާރު ކުޅުއްވަމުން ގެންދަވާ ޑްރާމައަކީ އެމަނިކުފާނު ވިދާޅުވާހެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެށުން ކަމަށް ވެސް ވެދާނެ އެވެ. އެހެން ނޫނީ އެމަނިކުފާނު ބޭނުންފުޅު ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ސަރުކާރަށް ފާޑުވިދާޅުވާން ބާވަ އެވެ؟