ކޮވިޑް ހާލަތުން އަރައިގަތުމަށް މަސައްކަތްކުރާ ވަގުތެއްގައި ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ގައުމު ބައިބައިކުރުން ރަނގަޅު ނޫން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރު ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައިސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް ފެތުރެމުންދާ ދަނޑިވަޅެއްގައި ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު ވަނީ ސިޔާސީ ގޮތުން ބާރު ހޯދުމަށްޓަކައި ގައުމު ބައިބައިވުންތައް ނެތުން ކަމަށެވެ. އަދި ކޮވިޑްގެ މިހާލަތުގައި ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތުގައި ސިޔާސީ ލީޑަރުންގެ މެދުގައިވާ ކޯޅުން ނެތުމަކީ ކޮންމެހެން ވެސް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑާއެކު މީހުންގެ ދިރިއުޅުން އެފުށް މިފުށަށް އެދަނީ ޖެހެމުން. ގިނަ ބަޔަކަށް އެ އުޅެނީ ކާނެ އެއްޗެއް ވެސް ނުލިބިގެން،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހަކީ މަޑުމައިތިރި ބޭފުޅެއް ކަމަށާއި ރައީސް ނަޝީދަކީ ވެރިކަމާ ހެދިގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ. އަދި ރާއްޖެ ސިޔާސީ އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ދިވެހިން އަތުކުރި އޮޅާލައި ގައުމު ސަލާމަތް ކުރުމަށް ނުކުންނަންޖެހޭ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
"މާލަސް ނުވަނީސް ދިވެހިން އަތުކުރި އޮޅާލާ ނިކުންނަންވީ ސިޔާސީ އަނދަވަޅަކަށް ގައުމު ވެއްޓުމުގެ ކުރިން ގައުމު ސަލާމަތް ކުރަން. އަޅުގަނޑުމެން ދެނެގަންނަން ޖެހޭ އެބަ ގައުމަށް ބޭނުންވާ ކަންކަން ވަކި މީހަކަށް ބޭނުންވާ ކަންކަމަށްވުރެ ބޮޑުކަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފަކީ ރައީސް ސޯލިހުގެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މަޖިލީހުގައި ރައީސް ނަޝީދާއި އަދި އެމަނިކުފާނަށް ވަފާތެރި މެމްބަރުންނާ ޝަރީފާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުވެ އެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ، އިބުރާހިމް މުހައްމަދު ސޯލިހާއި ދެމެދު އޮތް ގުޅުން ހީނަރުވެ، ސިޔާސީ ގޮތުން ވަރަށް ބޮޑަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ވަނީ ބައިބައި ވެފައެވެ.