މިއަހަރު ބޭއްވު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ މެޖޯރިޓީ ގެއްލުނީ އެމްޑީޕީގެ ސިޔާސަތާއި ގަބޫލުކުރުންތަކާއި ދުރަށް ޖެހި މަދު ބަޔަކު ބޭނުންވާ ގޮތަށް ވިސްނުން ބަދަލުކޮށް ސިޔާސަތުތައް ބައްޓަން ކުރުމުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލަންޑަނުގައި ހުންނަވައިގެން އިންޑިއާގެ "ވިއޯން ނިއުސް" އަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ވެރިކަންކުރާ މައި ޕާޓީއަށް މާލެ ސިޓީގެ ކައުންސިލް ގެއްލުނީ އެ ޕާޓީގެ ގަބޫލުކުރާ ފިކުރުތަކާއި ދުރަށް ގޮސް ވަކި ބަޔަކު ބުނާ ގޮތަށް ސަރުކާރު ތެރެއިން ސިޔާސަތުތައް ކަނޑައަޅަން ފެށުމުން ކަމަށެވެ. މިކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވޯޓުލާން ނުނިކުތީ އެ ރައްޔިތުން ގަބޫލުކުރާ ގޮތްތަކާއި އެ ރައްޔިތުންގެ ވިސްނުންތަކާ ދުރަށް ސަރުކާރުން ޖެހުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަމިއްލަ ސިޔާސަތާއި އަމިއްލަ ގަބޫލުކުރުންތަކާ ދުރަށްޖެހި މަދުބަޔަކު ބޭނުންވާގޮތަށް ވިސްނުން ބަދަލުކޮށް ސިޔާސަތުތައް ބައްޓަން ކުރާނަމަ އެކަން ގިނަ ރައްޔިތުން ފާހަގަކުރާނެކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އަމަލުކުރަމުން އަންނަގޮތް ބަދަލުކޮށް އެމްޑީޕީގެ ސިޔާސަތުތައް އަދި ގަބޫލުކުރާ ހަމަތަކަށް ރުޖޫއަވާން ޖެހޭ ކަމަށެވެ.
"އެކަމާ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި. އެ ރައްޔިތުން ބޭނުންވީ ލީޑާޝިޕަށް ސާފު މެސެޖެއް ދޭން، ހާއްސަކޮށް މާލެއިން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލް އެމްޑީޕީއަށް ގެއްލުނީ ސަރުކާރުގެ އިހުމާލުންކަމަށް ރައީސް ނަޝީދު ސީދާ ތުހުމަތުކުރެއްވި މިއީ ފުރަތަމަ ފަހަރުކަން ވެސް ފާހަގަ ކޮށްލެވެ އެވެ. އެމްޑީޕީން ސުޕަ މެޖޯރިޓީ ނަގަމުން އައި މާލެ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ މިފަހަރު މުޅިން އަލަށް ނަގާފައި ވަނީ އިދިކޮޅު ޕީޕީއެމުންނެވެ.
މިއިންޓަވިއުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުމާއި ގުޅޭގޮތުން ސުވާލުކުރުމުން ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު ގަބޫލުކުރާ ގަބޫލުކުރުންތަކުގައި ވަރަށް ބޮޑު ތަފާތުތަކެއް މިހާރު އެބަހުރި ކަމަށެވެ. އަދި ރައީސް ސޯލިހު އެނބުރި ހެޔޮމަގަށް އަންނަންޖެހޭ ކަމަށާއި، އެއީ އިސްލާމްދީނުގެ މެދުމިނުގެ ފިކުރުކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި ، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު އެނޫން މާބޮޑު މައްސަލަތަކެއް ނެތް ކަމަށެވެ. އަދި އެމްޑީޕީ ބައިބައެއް ނުވާނެ ކަމަށާއި، ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލު ހުށަހެޅި ގޮތަށް ފާސްކުރުމަށް ސަރުކާރަށް ފިންތުންތައް ރައީސް ނަޝީދު ދަނީ ކުރަމުންނެވެ. އެ ބިލު ފާސްކުރުމަށް ސަރުކާރުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށާއި އެ ބިލު ފާސް ނުކުރާނަމަ ރައީސް ސޯލިހަށް ކުރާ ތާއީދު އަބުރާ ގެންނަށްޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މިހާރު އެމްޑީޕީއަށް ބޭނުންވަނީ އައު ކޯލިޝަނެއް ކަމަށާއި އެއީ މެދުމިނަށް ތާއީދު ކުރާ އިންޑިއާ އައުޓް ނުވާ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.