ސަރުކާރުގެ ތެރޭގައި އަނދިރި ދައުލަތެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވާތީ އެކަމާ އެމްޑީޕީ މަޖިލިސް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ހައްދުފަހަނާއެޅި ފިކުރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ބޮޑުވެފައި ވިޔަސް ސަރުކާރުގެ ތެރޭގައި "އަޑީ ދައުލަތެއް" އޮތް ކަމަށް ރަސްމީ އިދާރާތައް ހިމެނޭ ގޮތުން ކޮށްފައިވާ ތުހުމަތުތައް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދޮގުކުރައްވާފަ އެވެ. އެގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންގެ ފަރާތުން މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައިވާ އަދި ރާއްޖޭގެ ސަލާމަތީ ކަންކަން އެސެސްކުރަން ހެދި އެއްވެސް ރިޕޯޓެއްގައި ރާއްޖޭގައި އަޑީ ދައުލަތެއް އޮތް ކަމަކަށް ބުނެފައި ނުވާ ކަމަށެވެ.

ރާއްޖެއަކީ ކުރިއަރަމުން އަންނަ ތަރައްގީ އާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމްވެފައި އޮތް ގައުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަފްގާނިސްތާނާ ހަމައަށް ގެންދަން ނުވާނެ ކަމަށެވެ. އެދިމާއަށް ރާއްޖެ ދަތުރުކުރަމުން ވެސް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތް. އެކަމަށް ފަރުވާ ކުރަން އެބަޖެހޭ, މަސައްކަތްތަކެއް ކުރަން އެބަޖެހޭ," މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިކަމާ އިސާރަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރުން އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އަނދިރި ދައުލަތެއް އޮތްކަމަށް ރާއްޖޭގެ ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ވިދާޅުވެފައިވާއިރު، މިނިސްޓަރު އިމްރާނަށް އެކަން ސާފުނުވެ އޮތުމަކީ މައްސަލައެއް ކަމަށެވެ. އަދި އިމްރާންގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުން ކަމަށްވާއިރު، އެ އަދަދަށް މެމްބަރުން ހަމަކުރެވެން އޮތީ އަނދިރި ދައުލަތް ރުއްސައިގެން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

“އަނދިރި” ދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ބުނަމުންދާއިރު ސަރުކާރުގެ ވަޒީރު އެކަމަށް އިންކާރު ކުރަމުންދަނީ އަދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރެވެންނެތީމައި ޕާޓީއަށް މެމްބަރުން ހަމަކުރަން!"
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރުން އިބްރާހިމް ރަޝީދު

މިނިސްޓަރު އިމްރާން ދެއްކި ވާހަކައަށް ކަންބޮޑުވުން ފާޅުކުރައްވަމުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން ރޭ މިނިސްޓަރު އިމްރާން މީޑިއާތަކުގައި އެކަމުގައި މާބޮޑު މައްސަލައެއް ނެތޭ ވިދާޅުވެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި މިހާރު މި ވާހަތަކާއި، ހަރުކަށި ފިކުރާއި ގުޅިގެން މީގެކުރިން ދައްކަވާފައިވާ ވާހަތަކާއި ހާމަކުރައްވާފައިވާ މައުލޫމާތުތައް އޮޅޭގޮތަށް ވާހަކަ ދައްކަވަނީ ކޮން ކަމެއް ފޮރުވަންތޯ ވައްޑެ ވަނީ ސުވާލު ކުރައްވާފަ އެވެ.

ބޮން ގޮއްވާލައިގެން ރައީސް ނަޝީދަށް ފަރުވާ ދެމުން ގެންދަނިކޮށް “މާބޮޑު މައްސަލައެއް ނެތޭ” ވެސް ވިދާޅުވީމު ނުންތޯ؟ ކޮން އެއްޗެއް ފޮރުވަންތޯ ތިޔަހާ ވަރަކަށް ތިޔަ އިތުރުފުޅު ހައްދަވަނީ؟"
މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީއަށް މައުލޫމާތު ދެއްވަމުން ސަލާމަތީ ހިދުމަތްތަކުގެ ބައެއް އިސްވެރިން ވަނީ ރާއްޖޭގައި ހައްދުފަހަނާއަޅައި ދިއުމުގެ ފިކުރު އޮތް މިންވަރުގެ މައްޗަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ހަރުކަށިކަމާއި ހައްދުފަހަނާޅާފައިވާ މިންވަރަށް ބަލާއިރު ރާއްޖޭގައި ދައުލަތުގެ ތެރޭގައި "އަނދިރި" ނުވަތަ ހައްދުފަހަނާއެޅި ފިކުރުގެ ދައުލަތެއް އެބަ ހިނގަ އެވެ.

ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުތަކަށް ތަބާވާ 1400 އަށްވުރެ ގިނަ މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ސަލާމަތީ ޚިދުމަތްތަކުން ވަނީ ވިދާޅުވެފަ އެވެ.