ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ހާލު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ނުގުޅުއްވާތީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ހައިރާވެއްޖެ އެވެ.

އަހުމަދު ހަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ބޭސްފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި ފަހުން ރައީސް ސޯލިހް، ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވަން އެއްގޮތަކަށް ވެސް ގުޅުއްވާފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ދެރަވެއްޖެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

މެމްބަރު އަހުމަދު ހަލީމްގެ ޓުވީޓާ ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެހެން ނަމަވެސް އެމްޑީޕީ އިސް ސަފުގައި މަސައްކަތް ކުރައްވާ އެއްވެސް ފަރާތްތަކުން މިކަމާ ގުޅިގެން ވަކި އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރަށް ތާއީދު ކުރެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ދެއްކެވި އެއްވެސް ވާހަކައަކަށް މިހާތަނަށް ރައީސް ސޯލިހު ރައްދު ދީފައެއް ނުވެ އެވެ. ނަމަވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި ވަޒީރުން ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް އަންނަނީ ރައްދު ދެމުންނެވެ.