ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލައްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރައްވާ މީހުން ގިނަ ވެއްޖެ ކަމަށާއި އެ މީހުން ހައްޔަރު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލުނު ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަހަތަށް ޖެހިވަޑައި ނުގެންނެވުމަށް ވެސް ރައީސް ނަޝީދު އަނެއްކާ ވެސް ވަނީ އެދިވަޑައިގަތްފަ އެވެ.

"ރާއްޖޭގައި މިހާރު ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ވަރަށް ގިނަވެއްޖެ، އަދި އެފަދަ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ވަރަށް ގިނަވެއްޖެ. ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރުން ވަރަށް ބޭނުންތެރި. ކުއްލި ނުރައްކާ އިއުލާނު ކުރައްވާ. ދުވަސްކޮޅަކު ޓޫރިޒަމްއަށް އަސަރުކޮށްފާނެ، އެކަމަކު ފަހުން މާ ރަނގަޅުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނަށް ދެ މަހެއްހާ ދުވަހަށް ކުއްލި ނުރައްކަލުގެ ޖާގަ ދޭ ޖެހޭ ކަމަށެވެ. އަދި ހޯމް މިނިސްޓްރީ ހިންގުން ވެސް ރައީސް ޞާލިޙްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެދިލައްވައިފައި ވަނީ އެ ގްރޫޕަށް ކޮށްފައިވާ މެސެޖުތައް ރައީސް ސޯލިހު ކިޔުއްވުމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ މި ގްރޫޕްގެ ޓެކްސްޓްތައް ކިއުއްވުން ވަރަށް ބޭނުންތެރި. ބިގޭ ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުގެ ޓެކްސްޓްތައް ދެއްކެވުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު އެ ހަމަލާ ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ދެމެދު ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ނަފްރަތި" ބިލު ދިފާއުގައި ސަރުކާރުން ބަހެއް ބުނެފައިނުވާތީ އެވެ. އަދި އެ ބިލު ފާސް ކުރުމަށް އެއްވެސް ވަރަށް ސަރުކާރުން މަސައްކަތް ކޮށްފައި ނުވާތީ އެވެ.