ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު އެޅުމަށް ބިމެއް މާލެއިން ކަނޑައަޅައިފި އެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ހުރިހާ" އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު އެޅުމަށް މާލެއިން ދެ ބިމެއް ސަރުކާރުން މިހާރު ކަނޑައަޅުއްވާފައިވާ ކަމަށެވެ. މިގޮތުން އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އެޅުމަށް ކަނޑައަޅާފައިވާ ބިމަކީ މަޖީދީއްޔާ ސްކޫލުގެ ކުރިމަތީގައި ހުންނަ ސްކައުޓް އެސޯސިއޭޝަން ހިންގި ބިމުގަ އެވެ.
މަޖިލީހުގެ ރައީސަށް ރަސްމީ ގެކޮޅު އެޅުމަށް ކަނޑައަޅާފައި ވަނީ މިހާރު ސުޕްރީމް ކޯޓު ހިންގާ ތީމުގޭގެ ކުރިމަތީގައި އޮންނަ ދަންޑަހެލު ގޭގަ އެވެ. އެބިމުގައި މިހާރު ހަދާފައިވާ ޕާކިން ޒޯނު ހުސްކުރުމަށް ސިޓީ ކައުންސިލުގައި އެދިފައިވާނެ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.
ދަންޑެހެލު ޕާކިން ޒޯނުގައި ހަދާފައި ވަނީ ފައިސާ ދައްކައިގެން ވެހިކަލް ޕާކުކުރެވޭ ގޮތަށެވެ.
ދަންޑެހެލު ގެއަކީ އޯކިޑްމަގާއި ފަރީދީމަގަށް ވާގޮތަށް އޮންނަ، މާލޭގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަނުއާގެއިން ބައެއް ދައުލަތަށް ނެގުމަށް ފަހު އެ ބިމަށް ކިޔާ ނަމެވެ.
މި ދެ އިމާރާތް ވެސް އެޅުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ހަރަދުގަ އެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންނަށް ދާއިމީ ރަސްމީ ގެކޮޅު އިމާރާތް ކުރާނެ ބިން ކަނޑައެޅިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ވަނީ ނިންމަވާފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުރައިދޫގެ އާއި ރެހެންދި ފްލެޓްގެ އެޕާޓްމަންޓަށް އެ ދެބޭފުޅުން ބަދަލުވުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުގަ އެވެ.
ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.
ދެ އިސްލާހުގައި ވަނީ ދެ ބާރުގެ ވެރިންނަށް ގެކޮޅު ހަމަޖެއްސުމާއެކު، އެ ދެ ބޭފުޅުންނާއެކު ރަސްމީ ގެކޮޅުގައި ދިރިއުޅުއްވޭނެ އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ވެސް ކަނޑައަޅާފަ އެވެ. އޭގެ އިތުރަށް އެ ގެކޮޅުތަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހަމަޖެއްސުމަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި އުއްތަމަފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅަކީ އެތަނުގައި ދައުލަތުގެ ފަރާތުން ހަމަޖައްސަންޖެހޭ ސަލާމަތީ ކަންކަން ހަމަޖެއްސޭ މިންވަރުގެ ގެކޮޅަކަށްވާން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
މިހާރު އިސްލާހަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އުއްތަމަފަނޑިޔާރުގެ ގެކޮޅަށް ރަސްމީ މުވައްޒަފުން ސުޕްރީމް ކޯޓުން ހަމަޖައްސާ ގޮތަށް އަދި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ރަސްމީ މުވައްޒަފުން މަޖިލީހުން ހަމަޖައްސާ ގޮތަށްވަނީ ބަދަލުކޮށްފަ އެވެ.
ރަޔަތުނަށް ފުލެޓް އޯކޭ ވީތާ އެއް އިމާރާތުގަ ދެ މީހުނަށް ފުލެޓް ނޭޅޭނެތަ. ސެކިއުރިިޓީ ބަލަހަޓަން ވެސް ހަރަދު ކުޑަވާނެ