ކޮންޓެއިނަރުތަކެއްގެ މައްޗަށް އަރަން އުޅެނިކޮށް ވެއްޓި އަނިޔާވި މަޖޫރީގެ ހާލު ރަނގަޅު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފި އެވެ.

އެމްޕީއެލް އިން ބުނީ އިއްޔެ މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އިރުއޮއްސި 6:20 ހާއިރު ކަމަށާއި މިހާދިސާގައި އަނިޔާވި މީހާއަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މުވައްޒަފަކު ވެއްޓުނީ ދެބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މަތީގައި ހުރި މީހަކު ހަރުގަނޑެއް ބޭނުން ކޮށްގެން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މައްޗަށް އަރަން އުޅުނު މުވައްޒަފެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.

އޭނާ ވެއްޓި އަތް ވިދުނު ގޮތަކުން އުޅަނބޮއްޓާއި ކޮނޑުހުޅާއި ދެމެދުން ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ބުނީ މުވައްޒަފުން ވެއްޓުނީ ނުވަ ވަރަކަށް ފޫޓް މަތިން ކަމަށެވެ. ވެއްޓުނުއިރު ވެސް މުވައްޒަފު ހުރީ ހެލްމެޓާއި އަދި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

އެމްޕީއެލްގެ ވިޔަފާރި ބަނދަރުގައި މީގެ ކުރިން ނުރައްކާތެރި ބައެއް ހާދިސާތަކެއް ހިނގައި މުވައްޒަފުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާތީ އެ ކުންފުނިން ބުނެފައި ވަނީ، ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދީގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.