ސަރުކާރުގެ އިންޓަނެޓް ހެޔޮކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ހެޔޮކޮށްފައިވާ އިންޓަނެޓް ހިދުމަތާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ 1515 އަށް ގުޅުމަށް ޓެކްނޮލޮޖީ މިނިސްޓްރީން އެދެފި އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސަރުކާރުގެ "ނެޓް ހެޔޮ" މަޝްރޫއުގެ ދަށުން އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އިންޓަނެޓް ހިދުމަތާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 1515 އަށް ގުޅައި، އެކަން ސަރުކާރާއި ހިއްސާ ކުރަން އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިމަހުން ފެށިގެން ސަރުކާރުން ވަނީ އިންޓަނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރެސިޑެންޝަލް އިންޓަނެޓް ހިދުމަތްތަކުގެ އަގުތައް 28 ޕަސެންޓުން 30 ޕަސެންޓާ ދެމެދުގެ އަގަކަށް ވަނީ ދަށްކޮށްފަ އެވެ.

މީގެ އިތުރުން އޮކްޓޫބަރު 1 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އިންޓަނެޓްގެ އަގަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައި މި ވަނީ، އެކަން ލަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.